ކޮވިޑް 19 ޕެންޑަމިކާ ގުޅިގެން ހަމައެކަނި އޮންލައިންކޮށް ކައިވެނި ކޮށްދިނުމަށްފަހު އާންމު އުސޫލަށް ބަދަލުކޮށް، ކޯޓާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން ފަށައިފިއެވެ.

ފެމެލީ ކޯޓުން ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން އޮންލައިންކޮށް ކައިވެނި ކޮށްދެމުންދިޔަ ނަމަވެސް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޯޓަށް މީހުން ހާޒިރުކޮށްގެން ކައިވެނިކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދިނުން ހުއްޓާލުމަށް ފެމިލީ ކޯޓުން ވަނީ ނިންމާފައެވެ.

ކުރިއެކޭ ވެސް އެއްފަދައިން ކޯޓުން ބޭރުގައި ކައިވެނީގެ މަޖިލިސް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ފަރާތްތަކަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމުގެ ކަންތައް ހަމަޖެހޭނެއެވެ. އަދި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ކޯޓުން ކަނޑައަޅާ އުސޫލާއި އެޗްޕީއޭއިން ނެރޭ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެގޮތުން ކައިވެނީގެ މަޖިލިސް ބާއްވާ ތަނަކީ އެފަދަ މަޖިލީހެއް ބޭއްވުމަށް އެކަށީގެންވާ ގޮތަށް އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ އަދި މީހުން ދިރިނޫޅޭ ތަނަކަށް ވާންޖެހޭނެ ކަމަށް ފެމިލީ ކޯޓުން ވިދާޅުވިއެވެ.