ހއ. އިހަވަންދޫ އައިސްޕްލާންޓުން އައިސް ލިބުމުގައިހުރިކަން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އޮޅުން ފިލުވައިފިއެވެ.

އެމްޑީ ސައީދު އެރަށަށް ކުރެއްވި ޒިޔާރަތުގައި ވަނީ އައިސްޕްލާންޓުގެެ ހާލަތު ބައްލަވައިފައެވެ. އަދި އެރަށުގެ ހީވާގި މަސްވެރީންނާ ބައްދަލު ކުރައްވައި އައިސް ލިބުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކާއި ކަންބޮޑުވުންތައް އޮޅުންފިލުއްވައި ޚިޔާލު ހޯއްދަވާފައެވެ.

މިފްކޯއިން ކުރިން ހިންގަމުން ދިޔަ 14 އައިސް ޕްލާންޓެއް މިހާރު ވަނީ ފެނަކައާ ހަވާލުކޮށްފައެވެ. ފެނަކައި އިން ވިދާޅުވެފައިވަނީ މަސްވެރީންނަށް އައިސް ލިބުމުގައިހުރި ދަތިކަން ފިލުވައި އައިސްޕްލާންޓުތައް އެންމެ ރަނގަޅަށް ހިންގުމަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ. އެހެންނަމަވެސް އެކަން އެންމެ އެދެވޭގޮތަށް ކުރެވޭނީ އައިސްޕްލާންޓުތަކުގައި މިހާރުހުރި މައްސަލަތައް ހައްލުކޮށްގެން ކަމަށެވެ. އެމަސައްކަތް ކުރައްވާނޭ ކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ.