މުޅި ރާއްޖޭގެ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ސިއްހީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަންނަ އަހަރު ޚާއްސަ އިސްކަމެއް ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީމަރުކަޒުތަކަށް ސަރުކާރުން އައްޔަންކުރައްވާފައިވާ އިސްފަރާތްތަކާއެކު ރައީސް އޮފީހުގައި އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ސަރުކާރުން މިހާރުވެސް ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާކަމަށް ރަައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ސިއްހީ ދާއިރާގައި އަދިވެސް އިތުރަށް ރަނގަޅުކުރަންހުރި ކަންކަން އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

ސިއްހީމަރުކަޒުތަކުގެ އިސްވެރިން ވަނީ މިދައުރުގައި ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންގޮސްފައިވާކަމަށް މި ބައްދަލުވުމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން އެ މަރުކަޒުތަކުގެ ލެވަލް އަޕްގްރޭޑްކުރުމާއި، މުވައްޒަފުން މަދުވުމުގެ މައްސަލައާއި، މޮބައިލް ލެބޯޓްރީގެ ޚިދުމަތާއި ބޭސްލިބުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި، ޕަބްލިކް ހެލްތު ޔުނިޓްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ގެންދިއުމަށް ބޭނުންވާ ބައެއް ކަންކަމާއި، އަދި ބައެއް ޚިދުމަތްތަކާއި ވަސީލަތްތައް ލިބުމުގައި ކުރިމަތިވާ ބައެއް ދަތިކަންތައް ވެސް ބައިވެރިން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސިއްހީ ދާއިރާގެ ތަރައްގީއަށް ސަރުކާރުން ކުރަން ކަނޑައަޅުއްވާފައިވާ ބައެއް ކަންކަމާއި އަދި މިހާރު އެކި މަރުހަލާތަކުގައި ހުރި ބައެއް މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތު ބައިވެރިންނާ ހިއްސާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ބައިވެރިންނަށް ދެއްވައިފައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވީ އަތޮޅުތަކުގެ ސިއްހީ ޚިދުމަތްތައް ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް މީގެ ކުރީގެ ސަރުކާރަކުން ނުދޭހާ ސަމާލުކަން މިސަރުކާރުން ދެއްވަމުން ގެންދަވާކަމަށެވެ.