ފަތުރުވެރިކަމުގެ "ސާލު" މުޅި ރާއްޖެއަށް ފަތުރައިލުމަކީ އެއް އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުން ކަމަށެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި، ގަން އިންޓަރނޭޝަލް އެއާޕޯޓުގެ ތަރައްގީ ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ވައިގެ ބަނދަރުތައް ތަރައްގީވެ، ސީ ޕްލޭންގެ ވިއުގަ ފުޅާވެ، އާރް.ޓީ.އެލް ފެރީތަކުން މުޅި ރާއްޖެ ގުޅާލެވިގެންދާއިރު، ރަށު ފަތުރުވެރިކަމަށް މިހާރަށްވުރެ މާ ފަހި ފުރުސަތުތަކެއް އޮންނާނީ ހުޅުވިފައި ކަމަށެވެ.

ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފުރަތަމަ ފަހަރަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 17 ނޮވެމްބަރު 2018 އިން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ރާއްޖޭގައި އަލަށް 33 ރިސޯޓާއި 471 ގެސްޓް ހައުސް ހުޅުވާފައިވާ ކަމަށެވެ. އެއީ، 8385 ކޮޓަރި ނުވަތަ 16783 އެނދު ކަމަށާއި، އެ ތަންތަން ހުޅުވުމާއެކު، ފަތުރުވެރިކަމާ ގުޅުން ހުރި އެހެން ދާއިރާތަކުންވެސް، އިތުރު އެތައް ހާސް ވަޒީފާއެއް އުފެދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހުސްވި ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 166 ރިސޯޓާއި، 3 ޔޮޓް މެރީނާ އާއި 13 ޓޫރިސްޓު ހޮޓަލާއި 721 ގެސްޓް ހައުސް ހިންގަމުން އެބަދާ ކަމަށެވެ. އޭގެ އިތުރުން ހޯމް ސްޓޭ 4 ގެސްޓްހައުސްއާއި 147 ޓޫރިސްޓް އުޅަނދާއި 7 ބެއަރ ބޯޓް ރަޖިސްޓްރީކޮށް ހިންގަމުންދާކަމަށާއިފަތުރުވެރިކަމުގެ އެނދުގެ ޢަދަދަށް ބަލާއިރު މިހާރު 57436 އެނދު އެބަހުރިކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހަލުވި ދުވެލީގައި ކުރިޔަށް ގެންދިޔަ މައި އިންޖީނަކީ ފަތުރުވެރިކަމުގެ ސިނާޢަތުކަމަށެވެ. އަދި ފަތުރުވެރިކަމުގެ ބާނީންނަށް މިއަދު ޝުކުރު އަދާކުރައްވަން ޖެހިވަޑައިގަންނަވަނީ އެހެންވެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުގެ ސިޔާސަތަކީ، ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު ފަތުރުވެރިކަމުގެ އުދަރެސް ފުޅާކޮށް އެ ސިނާއަތު ސިންދަފާތުކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.