ތ. ވޭމަންޑޫގައި ސަރުކާރުން ގާއިމްކުރި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފި ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި މަސައްކަތް ނިންމާ ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ސެޕްޓެމްބަރމަހުގެ 26 އިން 28 އަށެވެ.

ވޭމަންޑޫގައި ގާއިމްކުރި ނަރުދަމާގެ ނިޒާމުގެ ދަށުން އެ ރަށުގެ 497 ގެއަކަށް މި ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، މި މަސައްކަތުގެ ދަށުން ވޭމަންޑޫގައި 10.31 ކިލޯމީޓަރުގެ ނަރުދަމާ ނިޒާމެއް ގާއިމުކޮށް ތިން ޕަމްޕް ސްޓޭޝަން ބަހައްޓާފައިވޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ފެނާއި ނަރުދަމާ ނިޒާމު ޓެސްޓުކޮށް ކޮމިޝަން ކުރުމަށްފަހު، ޚިދުމަތް ދޭން ފެނަކައާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެެ.