އެމްޓީސީން މާލޭގައި މިހާރު ޚިދުމަތް ދެމުން ގެންދާ މިނީބަހުން މިއަދުން ފެށިގެން އަގު ނަގަން ފަށައިފި ކަމައެވެ. އެ ޚިދުމަތުން އަގުނަގަން ފެށީ އެއްމަސް ވަންދެން ހިލޭ ޚީދުމަތް ދިނުމަށްފަހުގައެވެ.

މި ޚިދުމަތުން މިއަދު އަގުނަގަން ފެށިޔަސް ސްކޫލް ދަރިވަރުންނާއި އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އަތުން އަގެއް ނުނަގާނޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އެހެން މީހުންގެ އަތުން މިއަދުން ފެށިގެން ދަތުރަކަށް ނެގުމަށް ހަމަޖެހިފައިވަނީ ހަތް ރުފިޔާއެވެ.

މިނީ ބަހުގެ ޚިދުމަތް ފެށުމުން ވަރަށްގިނަ މީހުން އޭގެ ބޭނުންކުރަމުން ދެއެވެ. މިކަމުގެ ސަބަބުން ޓެކްސީީތަކަށް އޮތް ޑިމާންޑުވެސް ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައިވާ ކަމަށް ބައެއް ޑްރައިވަރުން ބުނެފައިވެއެވެ. މިނީބަހުގެ ޚިދުމަތް ގިނަ މީހުން ބޭނުންކުރަނީ އަގު ހެޔޮވުމުންނެވެ.