ފެނަކަ ކޯޕަރޭޝަންގެ ހަގީގީ މަގާމަށް ވާސިލުވުމަށް އެ ކުންފުނީން ބުރަ މަސައްކަތެއް ކޮށްފައިވާކަން ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ޤަބޫލުކޮށް އަނެއްކާވެސް ފެނަކައަށް ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއް ދީފިއެވެ.

އޭޝިއާ ސަރަޙައްދުގެ އެންމެ މަތީ އަދި އެންމެ މަގުބޫލު ޔުޓިލިޓީ އެވޯޑް ކަމަށްވާ "އޭޝިއަން ޕަވަރ އެވޯޑްސް" އަކީ ދުރާލައި އިއުލާން ކުރެވޭ މިންގަނޑުތަކަކަށް މިނިވަން ފަނޑިޔާރުންގެ ޕެނަލަކުން އިންސާފު ކުރެވިގެން ދެއްވާ އެވޯޑެކެވެ. މިއެވޯޑުގައި ގައުމުތަކުގެ މެދުގައި އިތުބާރު ހޯދާފައިވާ، އަދި އޭޝިއާ ސަރަހައްދުގެ ބޮޑެތި ޔުޓިލިޓީ ކުންފުނިތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން، 2020 ވަނަ އަހަރުގެ އެވޯޑް ހަފްލާގައި 50 ކުންފުންޏަކުން އެވޯޑު ހާސިލް ކޮށްފައިވެއެވެ.

ފެނަކައިން ހާސިލް ކޮށްފައިވާ އެވޯޑުތަކަކީ

1. ޕަވަރޕްލާންޓް އަޕްގްރޭޑް އޮފް ދި އިޔަރ (ރާއްޖެއިން)

މި އެވޯޑް ލިބިފައިވަނީ ފެނަކައިން ލ. ގަމުގައި ގާއިމް ކޮށްފައިވާ ސެންޓްރަލް ޕަވަރ ސްޓޭޝަން މަޝްރޫއަށެވެ. މި މަޝްރޫއަކީ ރާއްޖޭގައި ކަރަންޓު އުފައްދައި ފޯރުކޮށްދިނުމުގެ ދާއިރާއަށް ގެނެވޭ ޒަމާނީ ފަންނުވެރިކަމުގެ އީޖާދުގެ ފެށުމަށް ވެގެން ދާނެ ކަމެއް ކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ. މި މަޝްރޫއާއެކު ލ.ގަމުގެ ރައްޔިތުންގެ ފަނޑުވެފައިވި އުންމީދުތަކަށް ވަނީ ދިރުން ލިބިގެން ގޮސްފައި ކަމަށް ވެސް އެކުންފުނިން ވިދާޅުވިއެވެ. މި ގިންތިން އެވޯޑް ޙާޞިލްކުރި އެހެން ބޮޑެތި ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ޗައިނާ، ޖަޕާން އަދި ކޮރެއާ ހިމެނެއެވެ.

2. ޕަވަރ ޔުޓިލިޓީ އޮފް ދި އިޔަރ (ރާއްޖެއިން)

މި އެވޯޑަކީ ގައުމުތަކުގެ ޔުޓިލިޓީ ޚިދުމަތް ދޭ ކުންފުނިތަކުގެ މެދުގައި މިން ކުރެވިގެން އެ ގައުމެއްގެ އެންމެ ފާހަގަކޮށްލެވޭ ކުންފުންޏަކަށް ދޭ އެވޯޑެކެވެ

3. ސޯލަރ ޕަވަރ ޕްރޮޖެކްޓް އޮފް ދި އިޔަރ (ރާއްޖެއިން)

މި އެވޯޑް ލިބިފައިވަނީ ގދ.މަޑަވެލި އަދި ހޯޑެއްދޫގައި ފެނަކައިން ގާއިމް ކުރުމަށް ރާވައި ފެށުމަށް ތައްޔާރުވެފައިވާ އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫއަށް ކަމަށް ފެނަކައިން ވިދާޅުވިއެވެ. މި މަޝްރޫއު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެފަދަ މަޝްރޫއުތަކުގެ ތެރެއިން، ތަފާތު އަދި އިންގިލާބީ މަޝްރޫއަކަށް ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ.

4- ސީ.އީ.އޯ އޮފް ދި އިޔަރ (ހުރިހާ ޤައުމަކުން)

މި އެވޯޑަކީ ބައިވެރިވި ހުރިހާ ޔުޓިލިޓީ ކުންފުނިތަކުގެ މެދުގައި ވާދަކޮށްގެން ފެނަކަ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދަށް ލިބިވަޑައިގެންފައިވާ އެވޯޑެކެވެ.

ކުންފުނި ކުރިން އޮތް ހާލަތަށް ބަލާ އެމްޑީ ސަޢީދު ކުންފުޏާ ހަވާލުވެ މިވީ ކުރު މުއްދަތުގެ ތެރޭގައި ކުންފުނީގެ ހާލަތު އިހުނަށްވުރެ ރަނގަޅު ކުރެއްވުމަށްޓަކައި މަސައްކަތް ކުރެއްވިއެވެ. އެގޮތުން ރައްޔިތުންނަށް ދެއްވާ ޚިދުމަތްތަކަކީ އުފެއްދުންތެރިކަމާއި، އީޖާދީ ބިނާކުރަނިވި މަސައްކަތްތަކަކުން ކުރުމުއްދަތެއްގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކެއްކަން ފާހަގަކުރެވިފައިވެއެވެ. އޭގެ އިތުރުން އެކުންފުނިން ދެއްވާ ޚިދުމަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ދެއްވާ ޚިދުމަތްތަކަކަށް ހެއްދެވުމަށް މުޅި ނިޒާމް ފަރުމާކުރައްވައި، ކުންފުނިން ހޯދަމުންދާ ބޮޑު ކާމިޔާބީ ފަދަ މުހިންމު ކަންތައްކެއް ފާއިތުވެ ދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޙާޞިލްކުރެވިފައިވެއެވެ. އެމްޑީ ސަޢީދަށް މި އެވޯޑު ލިބި ވަޑައިގެންނެވީ ކުންފުނި ކުރިއެރުވުމަށް ކުރައްވާފައިވާ އުފެއްދުންތެރި މަސައްކަތްތައް ފާހަގަ ކުރެވިފައިވާތީއެވެ.

މި އެވޯޑުތަކަކީ ޒަމާންވީ ކިލަނބު ނަމާއެކު ޒިންމާދާރު ކަމެއްނެތި، ޚިދުމަތް ދެމުން އައި ފެނަކަ ހިންގުމަށް 2019 ވަނަ އަހަރު ގެނެވުނު މުހިއްމު ބަދަލާއެކު، ގިނަ ގޮންޖެހުންތަކެއް ގިރާކޮށް، މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި، ނުގުޑާ ޢަޒުމުގައި ފެނަކަ ޓީމުން ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެވެ.