ލިސްޓެއްގައި ތިބާގެ ނަން އޮތް ތަން ފެނިއްޖެނަމަ ވިސްނެނީ ކޮންކޮން ކަންކަމަކާ ތޯއެވެ. އެ ލިސްޓްގެ ކުރީ ކޮޅުގައި ނުވަތަ މެދު ތެރޭގައި ނުވަތަ ވަރަށް ފަހަތުގައި ނަން އޮތް ނަމަ ކުރެވެނީ ކޮންކޮން އިޙްސާސެއްތޯއެވެ. އެ ލިސްޓެއްގެ ބާވަތުން ކުރެވޭ އިޙްސާސް ތަފާތުވޭ ތޯއެވެ؟

ރަށުގެ ނުވަތަ ޖަމާޢަތުގެ ކަމުވޮށިވެގެންވާ ބަޔެއްގެ ނަން ލިސްޓެއް ލިޔާނަމަ އެ ލިސްޓްގެ އެންމެ ފަހަތުގައި ތިބާ ނަން އޮތްނަމަ އެއިން ދޭހަވަނީ ކަމުވޮށިވެގެންވާ މީހުންގެ ތަރުތީބުން ތިބާއަށް ލިބިފައިވާ މަޤާމުތޯއެވެ؟

ކޮންމެއަކަސް މިއީވެސް ބައެއް ބޭފުޅުން ވަރަށް ފުންކޮށް ވިސްނަވާ ކަމެއްކަން ތިރީގައިއެވާ ޙާދިސާއިން އެނގެއެވެ.

1980ގެ އަހަރުތަކެވެ. ކޮމްޕިއުޓަރާއި ފޮޓޯ ކޮޕީގެ ދުވަސްވަރެއް ނޫނެވެ. ދައުވަތު ކާޑު ލިބެނީ ކައިވެނި ޕާޓީއަށް އެކަންޏެޗެވެ. އެއީމާލެއިން ޗާޕުކޮށްގެން ގެނެސްގެންނެވެ. އެދުވަސްވަރަކީ ރަށްރަށުގައި ގަނޑުކަނޑާ ފޮތާއި މޮނީޓަރު ފޮތާއި ޤަލަމުގެ ދުވަސް ވަރެވެ. ފަންސުރާއި ރަބަރުގެ ދުވަސްވަރެވެ.

ޖަލްސާއަކަށް ނުވަތަ ބައްދަލުވުމަކަށް ވެރިންގެ ފަރާތުން ބަޔަކަށް ދައުވަތެއް ދެއްވާނަމަ ރަސްމީ ސިފައެއްގައި ފޮނުވައިލައްވަނީ ފޮތެކެވެ. މިވެނި ކަމަކަށް އެވެނި ގަޑިއަކަށް އެވެނި ތަނަކަށް ދުރުވެދެއްވުން އެދި ލިޔުއްވައިލައްވައިފައިވާ ލިޔުންކޮޅެކެވެ. އޭގެ ފަހަތުގައި ދިގު ލިސްޓެއް އޮވެއެވެ. އެ ލިސްޓްގެ އެންމެ ކުރީގައި އޮންނާނީ ރަށުގެ ވެރިންނެވެ. ގާޒީއެވެ. ސަރުކާރުގެ މުވައްޒަފުންނެވެ. މުވައްޒަފުންނަށްނުވާ މީހުންގެ ނަންތައް އަންނާނީ އޭގެ ފަހުންނެވެ. އޮޑިވެރިންނާއި ކެޔޮޅުންނެވެ. އިސްވެ މި ދެންނެވި މީހުން ލިސްޓްގައި ހިމެނޭއިރު އޭގެރެތޭގައި ރަށުގެ ވިޔަފާރިވެރިން އޮންނާނީ ހިނެނި ނިމިފައެވެ.

މިދެންނެވި ދުވަސްވަރު ރަށެއްގައި ޖަލްސާއެއް ބާއްވަންވެގެން އެއްކަލަ ލިޔުންކޮޅު ލިޔެލައިފައި ދިގު ލިސްޓަކާއެކު ރަށުތެރެއަށް ފޮތް ފޮނުއްވައިލައިފިއެވެ. އެކި މީހުންނަށް ފޮތް ދައްކަމުން ސޮއިކުރުވަމުން ރަށުގެ އޮފީހުގެ މަސައްކަތު މީހާ އެބަހަރަ ހިނގައެވެ. މިހެން ހިނގަމުން ދަނިކޮށް އެމީހެއްގެ ނަން ފޮތުގައި އޮންނާނެކަން ޔަޤީންކުރެވޭ މީހަކާ ބައްދަލުވެއްޖެއެވެ. އޮފީހެއްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަމެއް ނެތަސް ރަށުގައި އެމީހަކީ މުހިއްމު މީހެކެވެ. މިކަމަށް އެމީހާގެ އިތުރުން އެހެންމީހުންވެސް އެއްބަސްވާނެއެވެ. އާދެ ކޮންމެއަކަސް ފޮތުގައިވާ ލިޔުންކޮޅު ކިޔައިލުމަށްފަހު ލިސްޓް ބަލައިބަލައި އެމީހާގެ ނަމެއް ނުފެނުނެވެ. ލިސްޓް ދިގުކަމުން ދެތިން ޞަފްހާއަކަށް ދެމިގެންގޮސްފައިި އޮތެވެ. ނަންހޯދަން އެމީހާއާއެކު މަސައްކަތުމީހާވެސް އިނގިލި ޖައްސަމުން ފަހަރަކު ނަމެއް ކިޔަމުން ފުރަތަމަ ޞަފްޙާއާއި ދެވަނަ ޞަފްހާ ބަލައިފިއެވެ. ތިންވަނަ ޞަފްޙާއާއި ހަމައަށް ހަމަ ދާއިރަށް މަސައްކަތު މީހާ ބުނެއެވެ. ތިހާ ފަހަތަކު ނޯންނާނެތޯއްޗެކެވެ. އަނެއްކާވެސް ކޮޅުން ފެށިގެން ބަލަނީއެވެ. މިހެން ދެބުރެއް ދިއުމުން ތިންވަނަ ގަނޑު ބަލަން ފަށައިފިއެވެ. ނަން މި އޮތީ ތިންވަނަ ގަނޑު އާދެ އެންމެ ފަހު ގަނޑުގެވެސް ވަރަށް ފަހަތުގައެވެ. ކޮންމެއަކަސް އެބޭކަލަކު ވަރަށް ނުރުހުން ވެއްޖެއެވެ. ތިމަން މީ މިރަށުގައި މިހާ ދަށް މީހެއް ނޫނޭ. ޖަލްސާއަކަށް ނުދާނަމޭ. ތިމަންގެ ނަން އޮންނާންވާނީ ކަތީބާ، ކުޑަކަތީބާ ޖެހިގެންނޭ ބުނެފިއެވެ.

އަޅުގަނޑަށް މިކަން އެނގިގެން، އެއިރު ހުންނެވި އަތޮޅުވެރިޔާގެ އަރިހުގައި އެވާހަކަ ދަންނަވައިލެވިއްޖެއެވެ. މިބާވަތުގެ ކަންތަކުގެ ޙައްލެއް ހޯދައިލުމުގެ ނިޔަތުގައެވެ. އަތޮޅުވެރިޔާއާއި ދެއްކެވި ވާހަކައިން އަޅުގަނޑަށް އެނގުނީ މިއީ ބައެއް ތަންތަނުގައި އަދި މިއަށްވުރެ މާބޮޑަށް ދިމާވާ މައްސަލައެއް ކަމެވެ. ބޮޑުކަރުދާހެއްގެ މެދުގައި ލިޔުންކޮޅު ލިޔުމަށްފަހު ލިޔުންކޮޅު ވަށައިގެން ބުރަކަށް ވާގޮތަށް ނަންތައް ލިޔަންވެސް ޖެހުނު ކަމަށްވިއެވެ. އެއިރުން އޮންނާނީ ސަމުގާއެއްގެ ނުވަތަ ގަޑިއެއްގެ ވަށައިގެން އަދަދުތައް ހުންނަ ގޮތަށެވެ. ފެށޭ ތަނެއް ނިމޭތަނެއް ނޯންނާނެއެވެ

މިދަންނަވައިލި ހާދިސާއަށްފަހު ލިސްޓެއް ލިޔާނަމަ އެ ބޭފުޅެއްގެ ނަން ތަންކޮޅެއް މަތީގައި ލިޔަމުން އައިސްފައިހުންނަތަން ފެނުނެވެ.

އެމީހަކު ޤަބޫލްކުރާ ދަރަޖައެއް އެމީހަކަށް ދިނުމުގެ މުހިއްމުކަން މިކަމުން އެނގުނެވެ. އަދި މުޖްތަމައުގައި އަމިއްލަ ނަފުސާމެދު ފަހިކޮށް ވިސްނާމީހުން ކުރީގައިވެސް އުޅުއްވިކަން އެނގިއްޖެއެވެ