މި ދުވަސްވަރު ރާއްޖޭގައި ޑެންގީ ހުން ފެތުރޭމިންވަރު އިތުރުވެއްޖެ ކަމަށް ސިއްޙީދާއިރާއިން މައުލޫމާތު ދެއްވައެވެ.

ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކޮޓަ ފައިސަލް އަހްމަދު މިއަދު ކުރެެއްވި ޓުވިޓެއްގައި ވިދާޅުވީ މިދުވަސްވަރު ޑެންގީ ޖެހިގެން އެންމެ ގިނައިން ކުދިން މާލެގެންނަނީ ނ. އަތޮޅާއި، ރ. އަތޮޅާއި، މ. އަތޮޅުން ކަމަށެވެ. އަދި މާލޭގައިވެސް ޑެންގީ ޖެހޭ ކުދިން އެބަ އުޅޭކަމަށް ޑޮކްޓަރ ފައިސަލް ވިދާޅުވިއެވެ. އެހެންކަމުން މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ޑޮކްޓަރ އެދިލެއްވިއެވެ. ނޫންނަމަ ފެންގަނޑުތަކަށް މަސްލައި ނޫނީ "ޓެމޮފޮސް" ކަހަލަ ކެމިކަލެއް އަޅައި ގައިގައި މަދިރި ނުހަފާނެ ގޮތް ހެދުމަށްވެސް އެދިލެއްވިއެވެ.

މިދުވަސްކޮޅަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ އާއި ހުން، ރޯގާ ވަރަށް ގިނަ ދުވަސްވަރެކެވެ.

އިއްޔެވެސް ޑެގީ ޖެހިގެން 8 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވެއްޖެއެވެ. އެކުއްޖާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށެވެ.