އެމްއެންޑީއެފާއި އިންޑިއާ ނޭވީން ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި ހިންގި "އެކްސަސައިޒް އެކަތަ 2022" ނިންމާލައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މި އެކްސަސައިޒް ނިންމުމުގެ ގޮތުން ސެޕްޓެންބަރު 3 ވަނަ ދުވަހު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ހެޑްކުއޯޓަރޒް، ލ.ކައްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެކްސަސައިޒްގެ "ބެސްޓް ޑައިވަރސް" އެވޯޑް ހާސިލުކުރި މެރީންސްއަށް އެވޯޑް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

2022 ސެޕްޓެންބަރު 5 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި އެކްސަސައިޒްް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، އެކްސަސައިޒްގައި ބައިވެރިވި އިންޑިއާ އަސްކަރިއްޔާގެ ޓްރެއިނިންގ ޓީމަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މީގެ އިތުރުން ތަމްރީނުގައި ބައިވެރިވި އެމްއެންޑީއެފް މެރިން ކޯރގެ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް (އެސްއޯޖީ) ގެ މެރީންސްއަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުނު މަހާވަރްއާއި އިންޑިއަން ނޭވީގެ ސަދަން ނޭވަލް ކޮމާންޑްގެ ފްލެގް އޮފިސަރ ކޮމާންޑިންގ އިން ޗީފް، ވައިސް އެޑްމިރަލް އެމްއޭ ހަމްޕިހޯލީއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އިންޑިއަން ނޭވީގެ ސަދަން ނޭވަލް ކޮމާންޑްގެ ފްލެގް އޮފިސަރ ކޮމާންޑިންގ އިން ޗީފް، ވައިސް އެޑްމިރަލް އެމްއޭ ހަމްޕިހޯލީ ވާހަކަފުޅު ދެއްކެވިއެވެ. މަރުހަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އެމްއެންޑީއެފް މެރިން ކޯރ، ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ ކޮމާންޑަރ ކެޕްޓަން ޙުސައިން ޝަފީޤެވެ. އަދި އެކްސަސައިޒް ކުރިއަށްދިޔަ ގޮތުގެ ރިޕޯޓް އިއްވައިދެއްވީ އިންޑިއާ ނޭވީ ޓްރެއިނިންގ ޓީމުގެ ލެފްޓިނެންޓް ކޮމާންޑަރ މަހޭޝް ކުމާރެވެ.

ޤައުމީ ސަލާމުން ނިމިގެން ދިޔަ މިރަސްމިއްޔާތަށްފަހު، ދެ ފަރާތުގެ މެދުގައި މޮމެންޓޯ ބަދަލުކުރެއްވުމާއި، އެކްސަސައިޒްގައި ބޭނުންކުރި ހަތިޔާރުތައް ދައްކާލުން އޮތެވެ.

އެމްއެންޑީއެފް މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ 30 މެރީންސްއާއި އިންޑިއަން ނޭވީގެ 10 މެރިން ކޮމާންޑޯސް ބައިވެރިވި މި އެކްސަސައިޒްގައި ކޮމްބެޓް ޝޫޓް، ވީބީއެސްއެސް، ޑިމޮލިޝަން، ސީކިއުބީ، ޑައިވޭޓަރ ޑައިވިންގ، ރީބްރީތަރ ޑައިވިންގެ އިތުރުން ޑައިވިންގ އޮޕަރޭޝަން ފަދަ ބައިތައް ވަނީ އުނގެނި ފަރިތަކޮށްފައި ކަމަށް ވެސް އެމްއެެންޑީއެފުން ވަނީ ވިދާޅުވެފައެވެ.