އެއްވެސް ހަގީގަތެއްނެތް "ބުހުތާން ދޮގު އިލްޒާމް" އޭނާގެ ބޮލުގައި ނޭޅުވުމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އެދިވަޑައިގެންފިއެވެ.

ސައީދު މިހެން ވިދާޅުވީ ފެނަކަކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން އޭނާގެ އަމިއްލަ ޖަމިއްޔާއަކަށް ޚަރަދު ކުރައްވާ ކަމަށް ބުނެ ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓު ކުރުމުންނެވެ.

ތިޔައީ ދެނެހުރީ ވާހަކައެއްނޫން. އަދި ކިރިޔާ ތިޔައިގެ އަޑެއް މިއެހީވެސް. އެއީ ކަނޑައެޅިގެން ދޮގު. އަޅުގަނޑުގެ ބޮލުގައި ދޮގު އިލްޒާމް ނޭޅުވުމަށް އެދެން،" ސަޢީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަގީގަތެއްނެތް އެފަދަ ވާހަކަތައް ފަތުރައި އިލްޒާމް އަޅުވަނީ އަބުރު ކަތިލުމުގެ ގޮތުންކަމަށެވެ. ސައީދު ވިދާޅުވީ އެފަދަ މައްސަލައެއް އެއްވެސް އިދާރާއަކުން ބަލަމުންދާ ކަމެއް އެނގިވަޑައިގެންފައި ނުވާކަމަށެވެ. ބައެއް ނޫސްތަކުން ބުނެފައިވަނީ އޭސީސީން ގެންދަނީ އެމައްސަލަ ބައްލަވަމުން ކަމަށެވެ.

ފެނަކައިގެ ސީއެސްއާރުގެ ދަށުން ޚަރަދު ކުރަނީ ސައީދުގެ އުފަން ރަށްކަމަށްވާ ގދ. ވާދޫގައި ހިންގާ މައިފޫނާ ޖަމިއްޔާއަކަށް ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ. އެ ޖަމިއްޔާގެ މަސްއޫލުވެރިއަކީ ސައީދު ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މީގެ އިތުރުން ސައީދު މަސްލަހަތު އޮންނަ ބައެއް ކުންފުނިތަކަށް އޭނާ މަޝްރޫއުތައް ދެމުންގެންދާ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ. އެތުހުމަތުތައްކޮށް މީގެ ކުރިން ބަޔަކު ވަނީ ފެނަކައާ ދެކޮޅަށް އޭސީސީއަށް މައްލަތަކެއް ހުށަހަޅައިފައެވެ. ފެނަކައާ ބެހޭ 80 އަށްވުރެ ގިނަ މައްސަލަ އޭސީސީން ބަލަމުންދާ ކަމަށް އެނގިފައިވެއެވެ.