ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުޙަބާ ދެންނެވުމަށް، ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ނުނެރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އޮފީހާއި ސަރުކާރުގެ އެއްވެސް އިދާރާއަކުން އެދޭ ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން އެފަދަ ދަތުރުތަކުގައި ވެރިންނަށް މަރުހަބާ ދެންނެވުމަށް ދަރިވަރުން ނެރެގެން އެއްވެސް ޙަރަކާތެއް ހިންގުމަކީ، ސަރުކާރުން ތަރުހީބުދޭ ކަމެއް ނޫން ހޫދު ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

"މިދެންނެވި ފަދަ ހަރަކާތްތަކުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިނުކުރުމަށް، ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް ރައީސް @ibusolih އިލްތިމާސްކުރައްވަވާ،" ކަމަށް ހޫދު ވިދާޅުވެފައިވެއެވެ.

ހޫދު ވިދާޅުވެފައިވަނީ އެފަދަ އެއްވެސް ހަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިކުރުމަށް، ރައީސް އޮފީހާއި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް، އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާއަކަށް، އަދި އެއްވެސް ކައުންސިލަކަށްވެސް އަންގައިފައެއް ނުވާނެ ކަމަށެވެ.