ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި ޤާއިމު ކުރަމުންދާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މެންބަރުންނަށް ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި މި ތަމްރީނު ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ އޮކްޓޯބަރު 4 އިން 5 އަށް ކަމަށެވެ. ޕްރޮގްރާމުގައި 25 މީހުން ބައިވެރިވިއއެވެ. މި ޕްރޮގްރާމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ޔުނިސެފް، ޖުވެނައިލް ޖަސްޓިސް ޔުނިޓް، މިނިސްޓްރީ އޮފް ހެލްތު އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން ބައިވެރިވި އެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ދުވަހު އިބަމަ މެންބަރުންގެ ދައުރާއި، މަސައްކަތް ކުރުމުގެ ގޮތްތަކާއި، މަސްޢޫލިއްޔަތާއި، ނާޒުކު ހާލަތުގައިވާ މީހުންގެ ޢާއިލާތަކާއި މުޢާމަލާތް ކުރާނެ ހުނަރުތަކާއި، ވިސްނުންތެރިކަމާއެކު އަޑުއަހާނެ ގޮތާއި، މުޖުތަމަޢުގައި ހިނގާ ނިކަމެތި ހާލަތްތަކާއި ގުޅޭ ކަންތައްތައް އިބަމަ މެންބަރުންނަށް އެނގޭނޭ ނިޒާމެއް ޤާއިމުކުރާނެ ގޮތާއި، ވިޔަނުދިނުމަށް ފިޔަވަޅު ނާޅާ ދޫކޮށްލައިފިނަމަ ވެދާނޭ ގޮތްތަކުގެ ތަމްރީނު ފޯރުކޮށްދީފައިވެއެވެ. މި ތަމްރީނު ޕްރޮގްރާމުގެ ދެވަނަ ދުވަހު ކޭސް ސްޓަޑީ ކުރާނެ ގޮތްތަކާއި، ވަލްނަރަބިލިޓީ މެޕިންގ ކުރިޔަށް ގެންދާނެ ގޮތްތަކާއި، އިބަމަ ވަރކް ޕްލޭން ރާވާލުމުގައި ވިސްނަންވީ ކަންތައްތަކާއި، އިބަމައިގެ ބައްދަލުވުންތައް ބޭއްވުމާއި، މަސައްކަތްތައް ރާވާ ހިންގުމާއި، އިބަމައިގެ އުސޫލުތަކާއި ރިޕޯރޓްކުރާނެ ގޮތްތަކާއި، ރަށުގެ ރަށްޔިތުންނަށް އިބަމަ ތަޢާރަފުކޮށްދޭނެ ގޮތްތައް ކިޔާދީފައިވެއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙުމޫދު ވިދާޅުވީ އިންޓަރ އެޖެންސީ ކޯޑިނޭޝަނަކީ މުހިންމު ކަމެއް ކަމަށެވެ.

އިބަމަ އަކީ ދިވެހިރާއްޖޭގެ މުޖުތަމަޢުތަކުގައި ވިޔަނުދިނުމާއި، އަދި ރައްކާތެރިކަމުގެ ނަޒަރުން ވިސްނައިގެން ފަޚުރުވެރި އާއިލާތަކާއި ދުޅަހެޔޮ މުޖުތަމަޢެއް ބިނާ ކުރުމަށްޓަކައި އެންމެހާ ހިއްސާދާރުން ގުޅިގެން، ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރުމުގެ ތެރެއިން މުޖުތަމަޢުގެ އިޖްތިމާޢީ ހާލަތު ދެނެގަނެ، މުޖުތަމަޢުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭންޖެހޭ އަސާސީ އިޖްތިމާޢީ ޚިދުމަތްތައް ކަމާބެހޭ ދާއިރާތަކާއިއެކު ވިލަރެސްކޮށް ފޯރުކޮށްދިނުމާއި، އެފަދަ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލިބޭ އަނިޔާ ހުއްޓުވާ، ރައްކާތެރި މުޖުތަމަޢެއް ކަށަވަރު ކޮށްދިނުމާއި އަދި އާންމު ފަރުދުންނާއި އާއިލާތަކާއި މުޢައްސަސާތަކުގެ ދެމެދުގައި ދުޅަހެޔޮ ގުޅުންތައް އުފެއްދުމަށް އެހީތެރިވެދީ ބާރުއަޅާ މަސައްކަތްތައް ކުރާނޭ ފަރާތްތަކެއް ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އިބަމައިގައި ހިމެނޭ މެންބަރުންނަކީ، ކޮންމެ ރަށެއް/އަވަށެއްގައި ޤާއިމުވެފައިހުރި ގުޅުންހުރި މުއައްސަސާތަކުން (އެއީ ރަށު/އަވަށު ކައުންސިލުން ކައުންސިލަރެއް، ޒިންމާދާރުވެރިޔާ/ސެކްރެޓަރީ ޖެނެރަލް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ކަނޑައެޅޭ ފަރާތެއް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތެއް، ތަޢުލީމީ ދާއިރާއިން ކޮންމެ ސްކޫލެއްގެ ޗައިލްޑް ޕްރޮޓެކްޝަން ލިއޭޒަން އޮފިސަރ، ފުލުހުންގެ ތެރެއިން ކަނޑައެޅޭ ފަރާތެއް، ޞިއްޙީ ދާއިރާއިން ކަނޑައެޅޭ ފަރާތެއް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ކަނޑައެޅޭ ފަރާތެ) ކެވެ.

އިބަމަ ގާއިމު ކުރެވި، ކަނޑައެޅިފައިވާ ގޮތަށް މަސައްކަތްތައް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މުޅި މުޖުތަމަޢުގެ އިންސާނީ ޙައްޤުތަކަށް ފަހި އަސަރު ކުރާނެ ކަމަށާއި އިބަމައިގެ މައިގަނޑު މަސައްކަތް ޓާގެޓް ކުރެވިފައިވަނީ އިޖްތިމާޢީ ރައްކާތެރިކަން ބޭނުންވާފަރާތްތަކަށް ރަށުފެންވަރުގައި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމުގައިވާތީ، މިމަސައްކަތުގެ ސަބަބުން އިންސާނީ ޙައްޤުތައް އެންމެނަށް ހަމަހަމަކޮށް ހާސިލުކުރުމަށް މަގުފަހިވެގެންދާނޭ ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އިބަމަ ގާއިމު ކުރެވި، ކަނޑައެޅިފައިވާ ގޮތަށް މަސައްކަތްތައް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މުޅި މުޖުތަމަޢުގައި ދެޖިންސުގެ ހަމަހަމަކަމަށް ސީދާ އަދި ނުސީދާ ގޮތުންވެސް އެދެވޭ ބޭނުންތެރި އަސަރުތަކެއް ކުރާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.