މި ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތަކީ ތަރައްޤީގެ އެންމެހާ މަސައްކަތްތައް ވުޖޫދަށް ގެނައުން ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި ޤާއިމު ކުރަމުންދާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މެންބަރުންނަށް މިމަހު 4 އިން 5 އަށްް ހިންގި ތަމްރީން ޕްރޮގްރާމެއްގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ މި ސަރުކާރުން އަބަދުވެެސް މަސައްކަތް ކުރައްވަނީ މާލެއާއި ރަށްރަށުން ލިބެންހުންނަ ޚިދުމަތްތަކުގެ ތަފާތު ކުޑަކުރުމުގެ އިތުރުން ހަމަހަމަކަމާއި އިންސާފު ޤާއިމު ކުރުން ކަމަށެވެ. ވިދާޅުވިއެވެ. އޭގެ އިތުރުން ސަރުކާރުން ހިންގަވާ އެކިއެކި މަޝްރޫޢުތައް ޖަޒީރާވަންތަ އަދި މި ޤައުމަށް އެންމެ އެކަށީގެންވާގޮތަށް ލާމަރުކަޒު ކުރެވިގެން ރޭވިގެން ރައްޔިތުންގެ ލާބަޔާ މަންފާއަށް ބިނާކޮށް އެކަންކަން ކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ އަމާޒަކީ މާލެއާ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންހުރި ޚިދުމަތްތަކުގެ ތަފާތު ކުޑަކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.