ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ދިވެހިންގެ ބުރަ މަސައްކަތުން ހެދި ދިވެހިންގެ އެއަރޕޯޓެއްކަމަށާއި ދިވެހިރާއްޖޭގެ އިޤުތިޞާދުގެ މައި ދޮރޯއްޓަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ އާއި ނޫވިލު ސީޕްލޭން ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވި އެއީ ދައުލަތުގެ އެންމެ މުހިއްމު ހަރުމުދާ ކަމުގައެވެ.

މި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ މުޅި ދިވެހިރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮތީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ މައްޗަށް ކަމަށެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރެވެމުން ދަނީ އެއަރޕޯޓުގެ މާސްޓަރ ޕްލޭނާއި އެއްގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ. މިގޮތުން، ރަންވޭ އެޅުމުގެ މަސައްކަތާއި، ފިއުލްފާމް ޤާއިމްކުރުމާއި، ސީޕްލޭން ޓާރމިނަލްގެ އިތުރުން ޕެސެންޖަރ ޓާމިނަލްތައް އެޅުމުގެ މަސައްކަތްތަކާބެހޭ ގޮތުން ވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރެވުނު އެމަސައްކަތަކީ ހިނގަހިނގާ އޮތް އެއަރޕޯޓެއްގެ ތެރޭގައި އައު އެއަރޕޯޓެއް އެޅުން ފަދަ މަސައްކަތެއް ކަމަށެވެ. އަދި އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުން ދިޔައިރު އެއަރޕޯޓުގެ ޚިދުމަތްތައް މެދު ނުކެނޑި ކުރިޔަށް ގެންދެވުނުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ބޭރުން އަންނަ އިންޓަރނޭޝަނަލް ފްލައިޓްތައް ވެލާނާ އެއަރޕޯޓުގައި ޖެއްސުމާއި އެކު، ދެން އެންމެ އަވަހަށް ކުރެވޭ ކަމަކީ، ފަތުރުވެރިން އެމީހުންގެ މަންޒިލަށް ގެންދިޔުމުގެ މަސައްކަތް ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ. މިގޮތުން ދުވާލެއްގެ މައްޗަށް 600 ސީޕްލޭން މޫވްމެންޓް ހިނގާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަލަށް މިއަދު ހުޅުވުނު، އައު ސީޕްލޭން ޓަރމިނަލާއި އެކު ފަތުރުވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބި، ދަތުރުތައް އަވަސްވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއަރޕޯޓުގެ ތަރައްޤީއަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެދާއިރާތަކުން މީހުން ތަމްރީން ކުރުމާއި އަތޮޅުތެރޭގައި ދަތުރުފަތުރުގެ ކަންކަން ތަރައްޤީ ކުރުމަށް ސަރުކާރުން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އައު ރަންވޭގައި މިއަދު އެންމެ ފުރަތަމަ ޖައްސާފައި ވަނީ، އެމިރޭޓްސް އެއަރލައިންގެ ފްލައިޓެކެވެ. އެ ފްލައިޓް ޖައްސާފައި ވަނީ ހެނދުނު، 7:20 ގައެވެ. އެ ފްލައިޓަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ވަނީ، ވޯޓަރ ސެލިއުޓެއް އަރުވާފައެވެ. އައު ރަންވޭ ބޭނުން ކުރަން ފެށުމާއި އެކު ކުރީގެ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭ އެއްގެ ގޮތުގައެވެ.

މިއަދު ހުޅުވުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭއަކީ، ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރުގެ ކޯޑް-އެފްގެ މިންގަނޑަށް ފެތޭ ގޮތަށް އަޅާފައިވާ ރަންވޭއެކެވެ. މިރަންވޭ މިއަދު ބޭނުން ކުރަން ފެށުމާއި އެކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ގަޑިއެއްގެ އިރުގެ ތެރޭގައި ޖައްސައި އަދި ފުރާ ފުލައިޓްތަކުގެ އަދަދު 8 އިން 20ށް ވުރެ މަތިވާނެއެވެ. އަދި މަތިންދާ ބޯޓު ޖެއްސުމަށްފަހުގައި ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓް 2 މިނިޓަށް ކުރުވެ، ފްލައިޓް ޑިލޭވުމަށްވެސް ހައްލެއް ލިބިގެންދާނެއެވެ.

އައު ރަންވޭގެ އިތުރުން މިއަދު ހުޅުވުނު ނޫވިލު ސީޕްލޭންޓަރމިނަލަކީ، މުޅި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓަރމިނަލެވެ. މި ޓަރމިނަލްއިން އެއް ވަގުތެއްގައި، 1000 މީހުންނަށް ޚިދުމަތް ދެވޭނެއެވެ. ސީޕްލޭން ޓަރމިނަލް އާއި އައު ރަންވޭ އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ، ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓަރަކްޝަން ގްރޫޕާއި ހަވާލުކޮށްގެންނެވެ.