އެއްގަމު އުޅަނދުފަހަރުގެ ނަންބޯޑު ގަވާއިދާ ޚިލާފަށް ހުރުމުގެ ސަބަބުން އެކަން ރަނގަޅު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި މިހާތަނަށް އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން އެމަސައްކަތް ފަށައިފައިވަނީ ގަވާއިދާ ޚިލާފަށް ނަންބަރު ބޯޑުތައް ބައެއް އުޅަނދުފަހަރުގައި ހުންނަށް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީއަށް ފާހަގަ ކުރެވިގެން އެކަން ފުލުހުންނަށް އެންގުމުންނެވެ.

ފުލުހުން ވިދާޅުވީ ހުސްވި ސެޕްޓެމްބަރ 20 އިން ފެށިގެން މިހިނގާ އޮކްޓޯބަރ 6 އާ ހަމައަށް 1410 މީހަކަށް ނަންބަރު ބޯޑު ރަނގަޅު ކުރުމަށް ނަސޭހަތްތެރިވެފައިވާނޭ ކަމަށެވެ. މިއެންމެންނަކީ ވެސް މާލޭ ސަރަހައްދަށް ނިސްބަތްވާ މީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ.