ދަރިމައި ކުރާ ފެކްޓްރީއަކުން އަންހެނުންނާއި ކުދަކުދިންތަކެއް މިނިވަންކޮށްފިއެވެ. ނައިޖޭރިއާގެ ދެކުނު ހުޅަނގު ސަރަހައްދުގެ އޯގުން ސްޓޭޓްގައި އަންހެނުން ބައިތިއްބާ ގެއަކަށް ރެއިޑް ކޮށްގެން ފުލުހުން ސަލާމަތް ކޮށްފައިވަނީ ހަތަރު ކުޑަކުދިންނާއި މާބަނޑު ހަތަރު އަންހެނަކާއި، އިތުރު ދެ އަންހެނުންނެވެ. ފުލުހުން ބުނިގޮތުގައި އެމީހުންގެ މި ރެއިޑް އަމާޒު ކުރީ "ބޭބީ ފެކްޓްރީ"އަށެވެ.

ބޭބީ ފެކްޓްރީއަކީ ނައިޖޭރިއާގައި އަންހެނުން ވަގަށް ނަގައިގެން ދަރިން އުފެއްދުމަށް އިންސާނުންގެ ވަގުފާރި ކުރާ ތަންތަނަށް ފުލުހުން ދީފައިވާ ނަމެކެވެ.

އޯގުންގެ މި ބޭބީ ފެކްޓްރީން ސަލާމަތް ކޮށްފައިވާ އަންހެނުން ފުލުހުންނަށް ކިޔައިދިން ގޮތުގައި މިތަން ހިންގާ އަންހެން މީހާ، ބޭރުން ފިރިހެނުން ގެނަސްގެން އެމީހުން ލައްވައި ދަރިފަނި އިންދައި އަންހެނުން ދަރިމައި ކުރުވަނީއެވެ. އަދި އެމީހުން ވިހާ ކުދިން ބޮޑު އަގުގައި ވިއްކާލަނީއެވެ.

ކްލިނިކްގެ ނަމުގައި ހިންގާ ނައިޖޭރިއާގެ ބޭބީ ފެކްޓްރީތައް މީޑިއާއިން އާންމުކޮށް ރިޕޯޓްކޮށްފައި ވެއެވެ.

މިތަންތާނގައި ގެންގުޅޭ އަންހެން ކުދިންނަކީ ވަގަށް ނަގައިގެން އެތާގައި އަސީރުކޮށްގެން ގެންގުޅޭ ކުދިންނެވެ. މިކުދިންގެ މަސައްކަތަކީ ބަލިވެ އިނުމާއި ވިހެއުމެވެ. އަދި ވިހޭ ކުދިން ކަޅު ބާޒާރުގައި ވިއްކާ ލެވެއެވެ.

ފުލުހުން ބުނިގޮތުގައި މިއީ ކާމިޔާބު ރެއިޑެކެވެ. މިޖަރީމާ ހިންގުމުގައި ބައިވެރިވާ، ނުކުޅެދޭ މީހަކާއި މި ކްލިނިކް ހިންގަން ހުއްދަ ދީފައިވާ މީހާގެ އަންހެން ދަރިފުޅު ހައްޔަރުކޮށްފައި ވެއެވެ. އަންހެން މީހާ ވަނީ ފިލާފައެވެ. މިއީ ދެމައިންގެ ވިޔަފާރިއެކެވެ. މިއަންހެން މީހާއަކީ މީގެ ކުރިންވެސް މި ގޮތަށް ދަރިން އުފައްދާ ފެކްޓްރީއެއް ހިންގުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ކަމަށް ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ބުނެއެވެ.

ނައިޖޭރިއާގެ ދެކުނުގައި މިފަދަ މައްސަލަތައް އިތުރުވެފައި ވުމުން އަންހެނުން ބައިތިއްބާ ގެތަކަށް އާންމުކޮށް ފުލުހުން ރެއިޑްކޮށް ހަދައެވެ.