މިރުސް ކިލޯއެއްގެ އަގު ސަތޭކަ ރުފިޔާއަށްވުރެ ދަށަށް ވެއްޓި، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ކަނޑޫދޫ ދަނޑުވެރިން މާޔޫސްވެއްޖެއެވެ.

ފަނަރަހާސް އަކަފޫޓް ދަނޑެއްގައި މިރުސް ހައްދައިގެން ރަނގަޅު އާމްދަނީއެއް ހޯދުމަން އަންނަ ކަނޑޫދޫ ދަނޑުވެރިޔަކު ބުނީ މާލެއަށް މިދުވަސްވަރު މިރުސް ފޮނުވަނީ ކިލޯއެއް 50-60 ދެމެދުގެ އަގެއްގައި ކަމަށެވެ. "ވަރަށް ބޮޑަށް އަގުވެއްޓިފައި މިއޮތީ. ދުވަސްތަކެއް ވެއްޖެ އަގު ތިރިވެފައި ހުންނަތާ. އެކަމަކު މިހާރު މިއޮތީ މިރުސް ހައްދައިގެން ފައިދާއެއް ނުލިބޭ ހިސާބަށް އަގު ވެއްޓިފައި" މިރުސް ހެއްދުމުގެ މަސައްކަތުގައި އުޅޭތާ ފަނަރަ ވަރަކަށް އަހަރުވެފައިވާ އެދަނޑުވެރިޔާ ބުންޏެވެ.

ކަނޑޫދޫ ދަނޑުވެރިން މައުލޫމާތު ދިން ގޮތުގައި ކިލޯއެއް 100 ރުފިޔާއަށްވުރެ ކުޑަކޮށް ވިއްކަން ޖެހޭނަމަ ފައިދާއެއް ނުލިބޭނެއެވެ. "މިހާރު މިހުރި އަގުގައި ގިނަ ދުވަސްތަކެއް ވެއްޖެނަމަ، ކަނޑޫދޫ ދަނޑުވެރިންނަށް ބޮޑު ގެއްލުމެއް ލިބޭނެ. އަޅުގަނޑުމެންވެސް ނުބުނަން ކިލޯއެއް ހަތަރުސަތޭކަ ފައްސަތޭކައަށް ވިއްކެން ޖެހޭނެއެކޭ. އެކަމަކު ކިލޯއެއްގެ އަގު ސަތޭކަ ރުފިޔާއަށްވުރެ ދަށްވީމަ އެއީ އަޅުގަނޑުމެންނަށް ގެއްލުންވާނެ އަގެކޭ މިދަންނަވަނީ" ކަނޑޫދޫއިން ވާހަކަ ދެއްކި ދަނޑުވެރިޔާ ބުންޏެވެ.

މާލޭ ލޯކަލް މާރުކޭޓާއި ދަތުރުވެރިން މާރުކޭޓުގައި މިރުހުގެ އަގު ހުރީ ކިލޯއެއް 100 ރުފިޔާ އާއި 150 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. މީގެ ދެތިން އަހަރު ކުރިން ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު އެވްރެޖްކޮށް ހުރީ 250-400 ރުފިޔާއާ ދެމެދުގައެވެ.