ރ. އުނގޫފާރުގެ ތަރައްގީއަށް ޚާއްސަ ސަމާލު ސަރުކާރުން ދެއްވާ ކަމަށާއި ޚާއްސަކޮށް އެރަށުގެ ސިއްހީދާއިރާއަށް ތަރައްގީ ގެނައުމުގައި އިސްކަމެެއް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އުނގޫފާރު ކައުންސިލާއި, އ.ތ.މ. ކޮމެޓީ އަދި, މުއައްސަސާތަކުގެ ވެރިންނާ މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަަކަފުޅުގައެވެ. މިބައްދަލުކުރެއްވުން އޮތީ ރ. އަތޮޅުކައުންސިލް އިދާރާގައެވެ.

މި ބައްދަކުރެއްވުމުގައި ކައުންސިލުންވަނީ ރަށަށް ބިން އިތުރުކުރުމަށް މިހާރު ކުރިޔަށްދާ މަޝްރޫއުގެ އިތުރަށް ވެސް ރަށަށް ބިން އިތުރުކުރަން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން ބަނދަރުގެ ބޭރުތޮއްޓަށް ދޯނިފަހަރު ކައިރިކުރެވޭ ގޮތް ހެދުމާއި، އެއްގަމުތޮށި މަރާމާތުކުރަން ބޭނުންވާކަމަށް ވެސް ވިދާޅުވިއެވެ. އަދި ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ބޭނުންވާކަމާއި، ސްކޫލްގެ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް މިހާރު ހަމަޖެހިފައިވާ 8 ކްލާސްރޫމުގެ އިތުރަށް 8 ކްލާސްރޫމް ބޭނުންވާކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ސްކޫލާ ގުޅޭ އިތުރުކަންކަމާއި، ދަނޑުވެރިކަންކުރުމަށް ކައިރި ރަށަކުން ބިން ބޭނުންވާކަމާއި، މި ނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މުއައްސަސާތަކުގެ އިސްވެރިން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި އުނގޫފާރު އިސްލާމީ މަރުކަޒުގައި ތަމްރީނު ޕްރޮގްރާމުތައް ހިންގުމުގެ މުހިންމުކަމާއި، ފުލުހުންގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ދިނުމަށް ވަސީލަތުގެ ގޮތުން ކުރިމަތިވާ ދަތިތަކާއި އަދި، މުއައްސަސާތަކުގެ ތަރައްގީއަށް މުހިންމު ކަންކަން ހިމެނެއެވެ.

ސްކޫލާ ގުޅިގެން ފާހަގަކުރެއްވި ބައެއް ކަންބޮޑުވުންތަކާ ބެހޭގޮތުން ނާއިބު ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ދާދިފަހުން ގެންނެވި މުހިންމު ބަދަލުތަކާއެކު އެދާއިރާއަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ހަމަ އެހެންމެ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށްޓަވައިގެން ކުރިޔަށްގެންދަވާކަމަށް ވެސް ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ބައެއް ކަންކަމަކީ އެކި މަރުޙަލާތަކުގައި ކުރިޔަށްދާ މަސްރޫޢުތައްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.