ސަރުކާރުން ފަރެސްމާތޮޑާގައި އަޅަމުންދާ އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނުނިމުނަސް މިއަހަރުގެ މަސްވެރިންގެ ދުވަހު ވަގުތީގޮތުން އެތަން ބޭނުންކުރާނޭ ކަމަށް އެރަށު ކައުންސިލް ރައީސް އަހުމަދު އިމްތިޔާޒު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މަސްވެރީންގެ ދުވަސް އަންނަންވާއިރަށް އެއާޕޯޓުގެ މަސައްކަތް ނުނިމޭނޭ ކަމަށެވެ. އެހެންނަމަވެސް ކަމާ ބެހޭ ޓީމެއް އެރަށަށް އައިސް ބެލުމަށްފަހު މަސްވެރިންގެ ދުވަހު އެތަން ބޭނުން ކުރަން ފަށާގޮތަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "މިހާރު ނިންމާފައިވަނީ މަސްވެރިންގެ ދުވަހު އެއާޕޯޓު ބޭނުންކުރަން ފަށަން. އެކަން ވަގުތީ ގޮތުން ކުރުމަށް މިހާރުވަނީ ޕްލޭނެއް ވެސް ހާދާފައި. އެ ޕްލޭނާ އެއްގޮތަށް މަސައްކަތްކޮށް ޑިސެމްބަރ ދިހައެއްގައި ފުރަތަމަ ފުލައިޓު ޖައްސާނެ އިރާދަ ކުރެއްވިއްޔާ،" އޭނާ ވިދާޅުވިއެވެ.

މިހާރު އެއާޕޯޓުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. ޓަރމިނަލްގެ އޮނިގަނޑު މަސައްކަތް ނިމި މިހާރު ކުރިއަށްދަނީ އެތެރޭގެ އެކިއެކި މަސައްކަތްތައް ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން އިންޖީނުގެއާއި އެހެނިހެން މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއާޕޯޓު ވަގުތީ ގޮތުން ބޭނުންކުރަން ފެށިއަސް ރަސްމީ މަސައްކަތްތައް ކުރިއަށްދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ފަރެސްމާތޮޑާއި އެއާޕޯޓާ ގުޅުވާލުމަށް އަޅާ ބުރިޖުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

މިއަހަރުގެ މަސްވެރީންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ފަރެސްމާތޮޑާގައެވެ. އެކަމަށް ތައްޔާރުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.