ހދ. ނޭކުރެންދޫ ގައި އެޅުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފިޔަވަހި އެކެއްގެ މަސައްކަތް ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާ ހާވާލުކޮށްފިއެވެ. މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ އިއްޔެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ. ޔުނިކް ޗޮއިސް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޔާޒް އަލީއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ނޭކުރެންދޫގެ ޖަލަކީ އިންޑަސްޓްރިއަލް ޕްރިޒަންއެއް ކަމަށެވެ. "އޯޕަން ޕްރިޒަމް ސިސްޓަމްގެ ތެރެއިން އެޖަލު ހިންގާނީ. އެއީ ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ނެރުމަށް ދުނިޔޭގެ ގައުމުތަކުގައި މިހާރު ތަންފީޒު ކުރަމުން އަންނަ އެންމެ ކާމިޔާބު ސިސްޓަމް،" ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ގޭންގުތަކާއި ޑްރަގް ނެޓުވޯކްތަކާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ވަރަށްގިނަ ޒުވާނުން އަލުން މުޖުތަމައަށް ގެނައުމަށް ވަރަށް ބޮޑަށް އެމީހުންނަށް އަޅާލުން ބޭނުންވާ ކަމަށެވެ. މި ޖަލުގެ ސަބަބުން އެކަމަށް މަގުފަހިވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.