ވެންޓިލޭޓަރުން ފައިދާ ނެގި މައްސަލަތަކެއް އެތަކެއް ގައުމެއްގައި ފެންމަތިވިއެވެ. ރޮއިޓަރޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާއިން އެޕްރީލް މަހުން ފެށިގެން ގަނެފައިވާ ތިން ބިލިއަނެއްހާ ޑޮލަރުގެ ވެނޓިލޭޓަރުން ގިނަ ތަކެއްޗަކީ އޭގެ ބޭނުން ފުރިހަމައަށް ނުހިފޭނެ ތަކެއްޗެވެ.
ދޮޅު ލައްކައެއްހާ ވެންޓިލޭޓަރު ގަނެ، އެމެރިކާއިން ވަނީ ކުއްލި ހާލަތުގައި ބޭނުންކުރާ ގައުމީ ސްޓޮކަށް ވައްދާފައެވެ. މިއީ ނޭވާ ލުމުގެ ނިޒާމަށް ބޮޑެތި މައްސަލަތައް ކުރިމަތި ކުރާ ކޮވިޑް19އަށް ފަރުވާ ދިނުމަށް އެކަށޭނެ ތަކެއްޗެއް ނޫން ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ރިޕޯޓްކޮށްފައި ވެއެވެ. މިއާލާތްތަކުގެ ސްޕެސިފިކޭޝަންގެ ލިޔުންތައް ދިރާސާ ކުރި ފަރާތްތަކުންވެސް ބުނެފައިވަނީ މި ހުރިހައި ތަކެތީގެ ތެރޭން އައިސީޔޫއަށް ބޭނުންވާ ފެންވަރުގައި ހުރީ އެންމެ ދިހަ ޕަސެންޓްގެ ތަކެތި ކަމަށެވެ. އަދި 40 ޕަސެންޓްގެ އާލާތްތަކަކީ ބަލި މީހާ އުފުލުމުގެ ތެރޭގައި ކުޑަ ވަގުތުކޮޅަކަށް އޮކްސިޖަން ދިނުމަށް ބޭނުން ކޮށްލުމަށް ފުދޭވަރުގެ ތަކެއްޗެވެ.
ކިޔާލަން: މީގެ އެއްމަސް ދުވަސްކުރިން| މަޖިލީހުން ވެންޓިލޭޓަރުގެ މައްސަލަ ރިވިއު ކުރަނީ
ކިޔާލަން: ވެންޓިލޭޓަރު މައްސަލަ ދައުވާ ކުރަން ފޮނުވީ ހެކި ހުރެގެން
ކޮވިޑް 19 ލައިގަތުމާއެކު ދުނިޔޭގެ ހުރިހައި ގައުމެއްގައިހެން ސިއްޙީ ނިޒާމުގެ ބިތު ފަންގި ނެގިގެން ދިޔައެވެ. އެންމެ މުއްސަނދި ގައުމުތައްވެސް އޮތީ ކާރިސާއާ ކުރިމަތި ލެވޭ ވަރުގެ ހާލަތެއްގައެއް ނޫން ކަން އެނގިގެން ދިޔައެވެ.
އެމެރިކާގެ ވެންޓިލޭޓަރު ސްޕެޝަލިސްޓުންގެ 22 ފަރާތަކުން ކޮށްފައިވާ ދިރާސާއެއް ސެޕްޓެމްބަރު މަހު އެމެރިކަން ކޮލެޖް އޮފް ޗެސްޓް ފިޒިޝަން މަޖައްލާގައި ޝާއިއުކުރިއެވެ. މި ދިރާސާގައިވެސް ބުނެފައިވަނީ އެމެރިކާއިން ސްޓޮކް ކުރި ވެންޓިލޭޓަރުތަކުގެ ތެރޭން ދެބައިކުޅަ އެއްބަޔަކީ ނޭވާލުމުގެ ނިޒާމަށް ދަތި ހާލަތުގައި ފަރުވާދޭން އެއްގޮތަކަށްވެސް އެކަށީގެންވާ ވަރުގެ އާލާތްތަކެއް ނޫންކަމަށެވެ.