ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތުން 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވީ ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުރުމުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން ބުނެފައިމިވަނީ ވެންޓިލޭޓަރު މައްސަލާގައި ދައުވާކުރަން ފޮނުވީ އެކަށީގެންވާ ހެއްކާއި ގަރީނާ ހުރިކަމަށް ސާބިތުވާތީ ކަމަށާއި، އިތުރަށް މައްސަލަ މުރާޖައާ ކުރަމުންދާ ކަަމަށެވެ.
އޭސީސީން މިހެން ބުނީ 75 ވެންޓިލޭޓަރ ހޯދުމާގުޅޭ މައްސަލަ މި ކޮމިޝަނުން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަ އެ އޮފީހުން ދައުވާ ނުކުރަން ނިންމާފައިވާތީ، އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެބަޔާނުގައި ކޮރޯނާ ވައިރަސްއާ ގުޅިގެން ހޯދަންޖެހޭ މެޝިނަރީޒްއާ އިކުއިޕްމެންޓްތަކުގެ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާތީ، އެ ތަކެތި ހޯދޭނީ ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ކަމަށްވާތީ 2.5 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑުވާ މަސައްކަތްތަކާއި ހޯދަންޖެހޭ ޑޮކިއުމެންޓްތައް ޓެންޑަރ ބޯޑަށް ހުށަހަޅަން ނުޖެހޭގޮތަށް މިނިސްޓްރީ އޮފް ހެލްތުގެ ބިޑު ކޮމިޓީން ނިންމައިގެން ކުރިއަށް ގެންދިއުމުގެ ޚާއްޞަ ހުއްދައަކަށް 13 ފެބްރުވަރީ 2020 ގައި މިނިސްޓްރީ އޮފް ހެލްތުން މިނިސްޓްރީ އޮފް ފިނޭންސްގައި އެދުމުން، މިނިސްޓްރީ އޮފް ހެލްތުގެ ބިޑު ކޮމިޓީ މެދުވެރިކޮށް އެ މަސައްކަތާއި ތަކެތި ހޯދުމުގެ ކަންކަން ކުރިއަށްގެންދިއުން އެންމެ ރަނގަޅުކަމުގައި ދަންނަވައި އެ ޚާއްޞަ ހުއްދައިގެ މުއްދަކީ 1 (އެކެއް) މަސް ދުވަސް ކަމަށް ބަޔާންކޮށް 17 ފެބްރުވަރީ 2020 ގައި ހުއްދަދީފައިވެއެވެ. އަދި އެ މުއްދަތު އިތުރުކުރުމަށްއެދި ހުށަހެޅުމުން، 17 މާރިޗް 2020 އިން ފެށިގެން 1 (އެކެއް) މަސްދުވަހަށް ހުއްދައިގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.
އަދި 75 ވެންޓިލޭޓަރ ހޯދުމާގުޅޭ މަސައްކަތް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ޙަވާލުކުރުމުގެ ހުއްދައަކަށް މިނިސްޓްރީ އޮފް ހެލްތުން 30 މާރިޗް 2020 ގައި މިނިސްޓްރީ އޮފް ފިނޭންސްގައި އެދުމުން ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ވެންޓިލޭޓަރތައް ހޯއްދެވުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާގޮތުގެ މަތިން މިނިސްޓްރީ އޮފް ހެލްތުގެ ބިޑު ކޮމިޓީއަށް ހުށަހަޅައިގެން އެއާމެދު ގޮތެއް ނިންމަވައިގެން ކުރިއަށްގެންދިއުމަށް 01 އޭޕްރިލް 2020 ގައި މިނިސްޓަރ އޮފް ފިނޭންސް ހުއްދަ ދެއްވާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.އަދި މި ހުއްދައަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 4 ގެ ދަށުން 2.5 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު ޕްރޮކިއުމެންޓްގެ ކަންކަން ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށް އޮންނަ އުސޫލަށް ޢަމަލުކުރުމުގެ ބަދަލުގައި 75 ވެންޓިލޭޓަރ ހޯދުމާގުޅޭ މަސައްކަތް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މިނިސްޓްރީ އޮފް ހެލްތުގެ ބިޑު ކޮމިޓީއަށް ހުށަހަޅައިގެން ގޮތެއް ނިންމުމަށް ދީފައިވާ ހުއްދައެއްކަން އޭސީސީ އަށް ފާހަގަކުރެވިފައިވާ ކަަމަށް ވެސް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ޙަވާލުކުރުމަށް 01 އޭޕްރިލް 2020 ގައި މިނިސްޓްރީ އޮފް ހެލްތުގެ ބިޑު ކޮމިޓީން ނިންމުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.34 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަލަންޖެހޭކަމަށް އެ މާއްދާގައި ބަޔާންކުރާ، ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބަލާފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އޭސީސީގެ ބަޠާނުގައި އިތުރަށް ފާހަގކޮށްފައިވަނީ ވެންޓިލޭޓަރ ސަޕްލައިކުރުމާގުޅޭ އެއްބަސްވުމުގެ ޑްރާފްޓް 02 އެޕްރީލް 2020 ގައި މިނިސްޓްރީ އޮފް ހެލްތުން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ހަމަ އެދުވަހު އެ އޮފީހުން ލަފާދީފައިވާ ކަަން އިނގޭ ކަަމަށެވެ. ނަމަވެސް، 16 އޭޕްރިލް 2020 ގައި މިނިސްޓްރީ އޮފް ހެލްތުން ބެކް ޑޭޓްކޮށް އެއްބަސްވުމުގައި ސޮއިކުރިއިރު އަދި އޭގެ ފަހުންވެސް އެކަމާ ގުޅޭގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 ގެ ދަށުން މިނިސްޓަރ އޮފް ފިނޭންސްގެ ހުއްދައެއް ހޯދާފައިނުވާކަން ތަޙުޤީޤަށް ހޯދާފައިވާ ހޯދުންތަކުން އެނގޭ ކަަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، މިނިސްޓްރީ އޮފް ހެލްތަށް ވެންޓިލޭޓަރތައް ހޯދުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސް ދީފައިވާ ހުއްދަތަކަކީ ވަކިވަކި ކަންކަމާ ގުޅިގެން ދީފައިވާ ހުއްދަތަކެއް ކަމަށާ އެއިން އެއްވެސް ހުއްދައަކީ މުޅި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ޢަމަލުކުރުން ލާޒިމްނުވާގޮތަށް ދީފައިވާ ހުއްދަތަކެއް ނޫން ކަން އެނގޭ ކަމަށެވެ.
އަދި މި މައްސަލާގައި ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނީ، މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެކަށީގެންވާ މިންވަރަށް ހެއްކާއި ޤަރީނާ ހުރިކަމަށް ތަޙުޤީޤަށް ސާބިތުވާތީކަމަށް ބަޔާޏުގައި ބުނެފައިވެއެވ.
. އަދި މި މައްސަލާގައި ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަން މުރާޖަޢާ ކުރަމުން ގެންދާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.