ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައިގައި ދައުވާނުކުރަން ޕީޖީ ނިންމެވި ނިންމެވުން މުރާޖައާކުރުމަށް އެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ޕީޖީގެ އޮފީހަށް ފޮނުވި ނަމަވެސް ޕީޖީން ނިންމާފައިވަނީ އެކަމުގައި ދައުވާ ކުރެވޭވަރަށް ހެކި ނެތްކަމަށެވެ. މި މައްސަލައާއި ގުޅިގެން އަމީނު ވަނީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.

ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި އެކަށީގެންވާ ވަރަށް ހެކި ނެތްކަމަށް ބުނެ ޕީޖީ ވަނީ ދައުވާނުކުރަން ނިންމާފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އެމައްސަލަ ދިރާސާކޮށް ހޯމަ ދުވަހުގެ ޖަލްސާއަށް ހުށައެޅުމަށްފަހު، ވަނީ ބަހުސްކޮށްފައެވެ. އަދި އެރިޕޯޓް ފާސްކުރަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުންވަނީ އެރިޕޯޓް ފާސްކޮށްފައެވެ.

ކޮމެޓީން މި މައްސަލަ ނިންމިއިރު، އޭސީސީއާއި ފުލުހުން ފަދަ ކަމާގުޅުންހުރި ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާއި ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ރައްޔިތުންގެ މަޖިލީހުން ލަފާއެރުވުށް ހުށަހަޅާފައިވެއެވެ. އަދި ތަހުގީގީ އިދާރާތަކުގައިވާ މައުލޫމާތުތައް ހޯދުމަށް ފަހު ދައުވާ ކުރުމުގައި، ކުރިން ޕީޖީއިން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރުމާއި މެދު ގޮތެއް ނިންމަން ޕީޖީއަށް ލަފާއެރުވުށް ރިޕޮޓުގައި ވެއެވެ. އަދި މައްސަލަ މުރާޖައާކުރުމާމެދު ޕީޖީ އޮފީހުން ނިންމާ ނިންމުން ޖުޑީޝަރީ ކޮމިޓީއަށް ހިއްސާކުރުމަށްވެސް ދިރާސާ ރިޕޯޓުގައި ވެއެވެ.

ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން އޭސީސީ އާއި ޕީޖީ އޮފީހާ ދެމެދު ޙިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. މި މައްސަލަ ނިމެންދެން މަޖިލީހުންވެސް ފާރަވެރިވާންޖެހޭ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.