ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަަށްފަހު މިއަދު މެންދުރުފަހު މާލެވަޑައިގެންފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ރ. އަތޮޅަށް ކުރެއްވި މިދަތުރުފުޅުގައި މީހުންދިރިއުޅޭ ރަށްތަކުގެ ތެރެއިން ވަޑައިގެންނެވީ އެއަތޮޅު، އިނގުރައިދޫ، އިންނަމާދޫ، މާކުރަތު، އަދި ދުވާފަރަށެވެ. މިރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއި ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރައްވައި މަޝްވަރާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިރަށްރަށުގެ ސިއްޙީމަރުކަޒުތަކަށާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ހާލަތު ބައްލަަވައި މަޝްރޫޢުތައް ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ބައްލަވާލެއްވިއެވެ.

މިދަތުރުފުޅުގައި ރ ވަންދޫ، ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީއަށް ވެސް ނާއިބު ރައީސް ޒިޔާރަތް ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މިޒިޔާރަތުގައި ވެމްކޯއިން އެރަށުގައި ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވައި، މަސައްކަތްތައް ކުރިޔަށްދާ ގޮތް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ރ.އަތޮޅަށް އެމަނިކުފާނު ކުރެއްވި މިދަތުރުފުޅުގައި ހޮނިހިރު ދުވަހުގެ ރޭ ދުވާފަރަށް ވަޑައިގެން "ރ. ޓުއަރިޒަމް އެކްސްޕޯ 2022" ގެ އެވޯޑު ދިނުމުގެ ޙަފްލާ ޝަރަފްވެރިކޮށްދެއްވިއެވެ. މިޙަފްލާގައި، "ރ. ޓުއަރިޒަމް އެކްސްޕޯ 2022" ގެ އަތްތެރި މަސައްކަތުގެ މައުރަޒުން ރަންވަނަ ހާޞިލުކުރި ފަރާތްތަކަށާއި، އަތޮޅު ރިސޯޓް އެވޯޑް ޙާސިލުކުރި ދެ ރިސޯޓަށް އެވޯޑް ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ، މި ޙަފްލާގައި، ރ. އަތޮޅު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.