އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ދެ މީހުންނާއެކު ދަތުރުކުރި އެލޯންޗު ބަންޑުންޖަހާލި ހާދިސާގައި އެކަކު ވަނީ ފެނިފައެވެ. އެމީހާ ބުނެފައިވަނީ ލޯންޗުގައި ނުކުތީ މަހަށް ކަމަށެވެ. ގެއްލުނު މީހާއަށް ވީގޮތެއް ނޭނގޭ ކަމަށް ވެސް މީޑިއާގައި އޭނާ ވަނީ ބުނެފައެވެ. އެ ލޯންޗުން މީހަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އޮކްޓޯބަރު 7 ގައެވެ.

ލޯންޗުން ދަތުރުކުރި ކަމަށް ބުނާ ދެ މީހުންގެ ސަލާމަތް ކުރެވުނު މީހާ ފެނިފައިވަނީ އޮކްޓޯބަރ 5 ގައެވެ. ސަލާމަތް ކުރެވުނު މީހާ ފެނިފައިވަނީ އޮކްޓޯބަރު 7 ވަނަ ދުވަހު ފެރިދޫ ފުއްޓަރާ ދިމާއިންނެވެ. އޭނާއަށްފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އާއިލާއެދުމުން އޭނާ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ.

ލޯންޗު ބަންޑުންޖަހާލިކަމުގެ މައުލޫމާތު ލިބުމާއެކު މެރިން ޕޮލިހުގެ ޑައިވް ޓީމެއް ހަމަ އެ ދުވަހު އއ. އަތޮޅަށް ގޮސް، މީހާ ހޯދުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން އދ. ހަންޏާމީދޫގެ ދެކުނު ކަނޑުއޮޅިން (އދ. އަތޮޅު އިރުމަތި) ފެށިގެން އަތޮޅުގެ ހުޅަނގަށް ވާގޮތަށް 87.6 ސްކޮޔާ މޭލުގެ ސަރަހައްދެއް ވަނީ އިއްޔެއާ ހަމައަށް ބަލާފައެވެ.

ބަންޑުންޖަހާލި ލޯންޗު އިއްޔެވަނީ ކަފުޖަހައިގެން ހިމަންދުއަށް ގެންގޮސްފައެވެ.

ލޯންޗުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު، މި މަސައްކަތުގައި ފުލުހުންނާއި ކޯސްޓުގާޑުންދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މިއަދު ފެރިދޫގެ ހުޅަނގު ފުއްޓަރުފަރާތުގެ ކަނޑުގެ ސަރަހައްދު، ޑައިވްކޮށްގެން ބެލުމަށްވަނީ ހަމަޖެހިފައެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އިތުރަށް އެއްކުރަންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.