ޗައިނާގެ ބިޔަ ޓެކްނޮލޮޖީގެ ކުންފުނިތައް ކަމަށްވާ އަލީބާބާ ގްރޫޕްއާއި ޓެންސެންޓްގެ އިތުރުން ޗިޕް އުފައްދާ ކުންފުނިތަކުގެ ހިއްސާ ވަނީ ހިއްސާގެ ބާޒާރުގައި ދަށަށް ގޮސްފައެވެ. މިހެން ދިމާވީ ބެއިޖިންގެ ޓެކްނޮލޮޖީ އަދި އަސްކަރީ ކުރިއެރުންތައް މަޑުޖައްސާލުމަށް އަމާޒުކޮށްގެން އެމެރިކާގެ އެކްސްޕޯޓް ކޮންޓްރޯލް ކުރުމުގެ އާ ފިޔަވަޅުތަކުން އިންވެސްޓަރުން ބިރުގަތުމުންނެވެ.
ބައިޑަންގެ ސަރުކާރުން ހާމަކުރި އެކްސްޕޯޓް ކޮންޓްރޯލް ފިޔަވަޅުތަކުގެ ތެރޭގައި ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އުފައްދާ ސާމާނުތަކުގައި އެމެރިކާގެ ސެމީކޮންޑަކްޓަރ ހިމެނޭނަމަ އެ އެއްޗެއް ޗައިނާއަށް ވިއްކުން މަނާ ކުރުން ހިމެނެއެވެ.
އޭގެ ތެރެއިން ބައެއް ފިޔަވަޅުތަކަކީ ވަގުތުން އަމަލުކުރަން ފަށަން ޖެހޭ ފިޔަވަޅުތަކެވެ. މި ފިޔަވަޅުތަކަކީ 1990 ގެ އަހަރުތަކުގެ ފަހުން ޗައިނާއަށް ޓެކްނޮލޮޖީ އެކްސްޕޯޓް ކުރުމުގައި އެމެރިކާގެ ސިޔާސަތަށް އައި އެންމެ ބޮޑު ބަދަލަކަށް ވެދާނެ އެވެ.
ތަޖުރިބާކާރުން ބުނީ އާ ގަވާއިދުތަކުގެ ސަބަބުން ޗައިނާއަށް ފުޅާ އަސަރެއް ކުރާނެ ކަމަށާއި، ޗައިނާއިން އަމިއްލަ ޗިޕް އިންޑަސްޓްރީ ތަރައްގީކޮށް، އަސްކަރީ ހަތިޔާރާއި އާޓިފިޝަލް އިންޓެލިޖެންސާއި ޑޭޓާ ސެންޓަރުތަކާއި ސުޕަކޮމްޕިއުޓަރުތަކާއި ހައި އެންޑް ޗިޕްތަކުން ކަރަންޓް ދޭ އެތައް ދާއިރާތަކެއް ހިމެނޭ ވިޔަފާރިއާއި އަދި ސަރުކާރުން ހިންގާ ދިރާސާތައް ކުރިއެރުވުމަށް ޗައިނާއިން ކުރާ މަސައްކަތްތައް މިކަމުގެ ސަބަބުން މަޑުޖައްސާލާނެ ކަމަށެވެ.
އާ ގަވާއިދުގެ ދަށުން އެމެރިކާގެ ކުންފުނިތަކުން ޗައިނާގެ ޗިޕް އުފައްދާ ފަރާތްތަކަށް އެޑްވާންސް ޓެކްނޮލޮޖީގައި ބޭނުންކުރާ ޗިޕްތައް އުފައްދާ ސާމާނު ފޯރުކޮށްދިނުން ހުއްޓާލަން ޖެހޭނެއވެ.
އާ ގަވާއިދުގެ ސަބަބުން ޗައިނާގެ ދެ މެމޮރީ ޗިޕް އުފައްދާ ކުންފުންޏަށް މިހާރު ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އެނަލިސްޓުން ބުނެ އެވެ.
ހައި އެންޑް ޗިޕް އުފެއްދުމަށް ބޭނުންވާ އިކުއިޕްމަންޓްތައް އެމެރިކާއިން ބްލޮކް ކުރުމުން އާދައިގެ ޗިޕްތަކަށް ވެސް ސިލްސިލާ އަސަރުތަކެއް ކުރާނެ ކަމަށް އެނަލިސްޓުން ބުނެ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މައޯ ނިންގް އެމެރިކާގެ އައު ފިޔަވަޅުތަކަށް ރައްދު ދެއްވަމުން ވިދާޅުވީ މި ފިޔަވަޅަކީ އެމެރިކާގެ "ޓެކްނޮލޮޖިކަލް ހެޖެމޮނީ" ވަރުގަދަ ކުރުމަށް ފަރުމާކޮށްފައިވާ ވިޔަފާރީގެ ފިޔަވަޅުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމެއް ކަމަށެވެ.
އެމެރިކާގެ ފިޔަވަޅުތަކުގެ ތެރޭގައި ޗައިނާގެ ނިއުކްލިއާ ހަތިޔާރާއި އެހެނިހެން އަސްކަރީ ޓެކްނޮލޮޖީތައް އުފެއްދުމަށް ބޭނުންކުރެވޭ ޗައިނާގެ ސުޕަކޮމްޕިއުޓިން ސިސްޓަމްތަކުގައި ބޭނުން ކުރުމަށް ޗިޕްތައް ފޮނުވުން ހުއްޓުވުން ވެސް ހިމެނެ އެވެ.
އިންޑަސްޓްރީގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މި މަނާކުރުމުގެ ސަބަބުން ޗައިނާގެ ބޮޑެތި ޓެކްނޮލޮޖީ ވިޔަފާރީގެ ކުންފުނިތަކުގެ ޑޭޓާ ސެންޓަރުތަކަށް ވެސް ގެއްލުން ލިބިގެންދާނެއެވެ. ޑޭޓާ ސެންޓަރުތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ އީ-ކޮމާސް ކުންފުނި އަލީބާބާ އާއި ސޯޝަލް މީޑިއާ އަދި ގޭމިން ކުންފުނި ޓެންސެންޓްގެ ހިއްސާގެ އަގު ވަނީ ދަށަށް ގޮސްފައެވެ.