އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލައި، ގެއްލުނު މީހާ ހޯދުމަށް އެއަތޮޅު ފެރިދޫގެ ހުޅަނގު ފުއްޓަރު ފަރާތް ވެސް ބަލައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެސަރަހައްދުގެ ކަނޑަށް ޑައިވްކޮށް 8573 މީޓަރުގެ ސަރަޙައްދެއް ބަލައިފައިވާކަމަށެވެ. އެ ސަރަހައްދުން އެމީހާ ނުފެނުނަސް އަދިވެސް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ދެ މީހުންނާއެކު ދަތުރުކުރި އެލޯންޗު ބަންޑުންޖަހާލި ހާދިސާގައި އެކަކު ވަނީ ފެނިފައެވެ. އެމީހާ ބުނެފައިވަނީ ލޯންޗުގައި ނުކުތީ މަހަށް ކަމަށެވެ. ގެއްލުނު މީހާއަށް ވީގޮތެއް ނޭނގޭ ކަމަށް ވެސް މީޑިއާގައި އޭނާ ވަނީ ބުނެފައެވެ. އެ ލޯންޗުން މީހަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އޮކްޓޯބަރު 7 ގައެވެ.

ލޯންޗުން ދަތުރުކުރި ކަމަށް ބުނާ ދެ މީހުންގެ ސަލާމަތް ކުރެވުނު މީހާ ފެނިފައިވަނީ އޮކްޓޯބަރ 5 ގައެވެ. ސަލާމަތް ކުރެވުނު މީހާ ފެނިފައިވަނީ އޮކްޓޯބަރު 7 ވަނަ ދުވަހު ފެރިދޫ ފުއްޓަރާ ދިމާއިންނެވެ. އޭނާއަށް ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އާއިލާއެދުމުން އޭނާ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ.

ލޯންޗު ބަންޑުންޖަހާލިކަމުގެ މައުލޫމާތު ލިބުމާއެކު މެރިން ޕޮލިހުގެ ޑައިވް ޓީމެއް ހަމަ އެ ދުވަހު އއ. އަތޮޅަށް ގޮސް، މީހާ ހޯދުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން އދ. ހަންޏާމީދޫގެ ދެކުނު ކަނޑުއޮޅިން (އދ. އަތޮޅު އިރުމަތި) ފެށިގެން އަތޮޅުގެ ހުޅަނގަށް ވާގޮތަށް 87.6 ސްކޮޔާ މޭލުގެ ސަރަހައްދެއް ވަނީ އިއްޔެއާ ހަމައަށް ބަލާފައެވެ.