ނަލަ ހެދިލައިގެން، ފަރި ގޮތަކަށް އާސާރީތަނެއްގައި ފޮޓޯ ޝޫޓެއް ބޭއްވިކަމަށްޓަކައި މިސްރުގެ މޮޑެލްއަކާއި އޭނާގެ ފޮޓޯ ގްރާފަރު ހައްޔަރުކޮށްފިއެވެ. އުމުރުން 26 އަހަރުގެ ސަލްމާ އައްޝީމީ ފޮޓޯ ނަގައިފައި ވަނީ ފިރުއަނު ޒަމާނުގެ ހެދުމެއްގައި ސައްޤާރާގެ އާސާރީ ބިމެއްގައެވެ. މިއީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ދެހާސް ހަ ސަތޭކަ އަހަރު ކުރީގެ ބިނާ ތަކެކެވެ.
މިސްރުގެ ޓޫރިޒަމްއާއި އާސާރީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ބުނެފައިވަނީ މި ތާނގައި ފޮޓޯނެގި އިރު، ސަލްމާ ލައިގެން ހުރި ހެދުމަކީ މުނާސިބުހެދުމެއް ނޫން ކަމަށެވެ. އަދި މިހެދުމުން މިސްރުގެ އާސާރަށް ހުތުރު އަރުވާފައިވާ ކަމަށެވެ. މިއިދާރާއިން އޭނާގެ މައްސަލަ ޕްރޮސެކިއުޓަރ އޮފީހަށް ތަހުގީގަށް ފޮނުވީއެވެ.
މިސްރުގެ ޕާލަމެންޓްގެ މެންބަރަކުވެސް ވަނީ ސަލްމާއަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައެވެ.
ގާނޫނީ ވަކީލަކުވެސް ވަނީ ސަލްމާ ކާބަފައިންގެ އާސާރުގެ ހުރުމަތް ކަނޑާލިކަމަށް ބުނެ އޭނާއާ ދެކޮޅަށް ދައުވާކޮށްފައެވެ. މިސްރުގައި ކޮންމެ މީހަކަށްވެސް ކޮންމެ ކަމެއްގައި ކޮންމެ މީހަކާ ދެކޮޅަށްވެސް ދައުވާއެއް ވެއްދިދާނެއެވެ.
މި މައްސަލާގައި، މި ސަރަހައްދު ބަލަހައްޓާ ދެ މުވައްޒަފެއްގެ މައްސަލަ ތަހުގީގު ކުރުމަށްވެސް އަންގާފައި ވެއެވެ. މިމީހުންނަށް ތުހުމަތުކޮށްފައި ވަނީ، ހުއްދަ ނުނަގައި ފޮޓޯނެގުމަށް ފުރުސަތު ދިންކަމަށެވެ.
މިސްރުގެ ޕްރޮސެކިއުޓަރު ވަނީ ސަލްމާ އާ ފޮޓޯގްރާފަރު 500 ޕައުންޑް (32 ޑޮލަރު)ގެ ކަފާލާތަށް ދޫކޮށްލާފައެވެ. ޕްރޮސެކިއުޓަރ މިމީހުންނަށް ދައުވާކުރުމަށް އަދި ނުނިންމަވައެވެ. ޕްރޮސެކިއުޓަރ މިމީހުންނަށް ތުހުމަތު ކޮށްފައިވަނީ ކުރު ހެދުން ލައިގެން ފޮޓޯ ނެގި މައްސަލައެއް ނޫނެވެ. ނަމަވެސް ހުއްދައާ ނުލައި އާސާރީތަކެއްގައި ވިޔަފާރިއަށް ފޮޓޯ ނެގި މައްސަލައެކެވެ.
ކުރުހެދުމަކީ މިސްރު އަންހެނުންގެ އާންމު ލިބާހެކެވެ. ފިލްމުތަކުގައިވެސް ގައިގޯޅިވުމާއި ކުރުހެދުމުން ޖަމާއަތުގެ އާންމު ސަގާފަތް ދައްކައިދެއެވެ.