އެމެރިކާގެ ސައުދީ އަރަބިއްޔާއާ އޮތް ގުޅުން އަލުން ވަޒަން ކުރައްވާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ. އޯޕެކް+ އިން މިދިޔަ ހަފްތާގައި ތެޔޮ އުފެއްދުން މަދުކުރާނެ ކަމަށް އިއުލާން ކުރުމުން އެމެރިކާއިން ވަނީ އެކަމާ މެދު ނުރހިފައެވެ. ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ތަރުޖަމާނު ޖޯން ކަރްބީ ސީއެންއެންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސައޫދީއާއެކު ބާއްވާ ގުޅުން އަލުން މުރާޖައާ ކުރަން ބައިޑެން ބޭނުންފުޅުވާ ކަމަށެވެ.
ބައިޑެން ވެެރިކަމަށް ވަޑައިގަތް އިރު އޭނާ ސައޫދީ ވަލީ އަހުދާ މުއާމަލާތު ކުރައްވާކަށް ބޭނުންފުޅެއް ނުވިއެވެ.
އެމެރިކާގެ ސެނެޓްގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަން ބޮބް މެނޭންޑޭޒް ހޯމަ ދުވަހު ގޮވާލެއްވީ ސައޫދީއަށް ހަތިޔާރު ވިއްކުމާ މެދުވެސް ވިސްނަން ވެއްޖެ ކަމަށެވެ.
އެމެރިކާއިން ދެކޭ ގޮތުގައި ހުޅަނގުގެ ގައުމުތަކުން ފިނި މޫސުމް ލައިގަންނަ އިރު ތެޔޮ ވިއްކުން ސައޫދީއާއި އެހެން ގައުމުތަކުން މަދު ކުރުމުގެ ފިޔަވަޅަކީ ރަޝިޔާއަށް ތާއިދު ކުރުމުގެ އަމަލެކެވެ.