އުތުރު އެފްރިކާގައި އެންމެ ބާރަށް ކުރިއަރާނެ ކަމަށް ބެލެވުނު ޓިއުނީޝިއާގެ އިގްތިސާދު ވަޅު ޖަހައިފިއެވެ. ފާއިތުވި ހަފްތާތަކުގައި އެގައުމުގައި ކާބޯތަކެތީގެ އަގު އުފުލި، އަސާސީ ކާނާގެ ދަތިކަން ރައްޔިތުން ވަނީ އިހުސާސްކޮށްފައެވެ.
ޓިއުނީޝިއާއަކީ ޑިކްޓޭޓަރ ޒައިނުލް އާބިދީން ބިން އަލީގެ ވެރިކަން ވައްޓާލައި އަރަބި ދުނިޔެއަށް ސިޔާސީ އަރަބި ރަބީއެއް ގެނެސްދިން ގައުމެވެ.
ޓިއުނީޝިއާގެ ސުޕަމާކެޓްތަކާއި ގްރޮސަރީ ފިހާރަތަކުން ހަކުރާއި، ކުކިންގ އޮއިލްއާއި ހަނޑޫ އަދި ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ވެސް ވަނީ އެއްކޮށް ހުސްވެފައެވެ.
އަސާސީ ކާނާ ހޯދުމަށް މީހުން ގިނަ އަރުތަކެއް ވަންދެން ކިއުގައި ތިބެން ޖެހެއެވެ. ބައެއް ބާވަތްތައް ތަދުވެފައިވާއިރު އަނެއް ބައި ބާވްތަކުގެ އަގުތައް ވަނީ އަތް ނުފޯރާ ފަށަށް އަރާފައެވެ.
ސަރުކާރުން ބުނަނީ މައްސަލައަކީ ކަޅު ބާޒާރެވެ. އަދި މުދާ ވަގަށް ހިފަހައްތައިގެންއުޅޭ މީހުންނާއި ޔޫކްރޭންގެ ހަނގުރާމަ ކަމަށެވެ. އެހެންނަމަވެސް އިގްތިސާދީ ތަޖުރިބާކާރުން ބުނަނީ މައްސަލައަކީ ސަރުކާރުގެ ބަޖެޓުގެ ދަތިކަމާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ހޯދަން އުޅުނު ލޯނު ލިބުން ލަސްވުން ކަމަށެވެ.
ބާޒާރުގައި ކާބޯތަކެތި ގަންނަން ކިއުތަކުގައި މީހުން ތިބުމުން ބައެއް ފަހަރު މާރާމާރީތައް އުފެދިފައި ވެއެވެ. އަދި އަގު އުފުލުމާއި ދަތިކަން ކުރިމަތިވުމާ ގުޅިގެން އެކި ދިމަދިމާލުގައި މުޒާހަރާތަކާއި ފުލުހުންނާ ދޭތެރެ ދޭތެރެއިން ކުރިމަތިލުންތައް ވަނީ އާންމު ކަމަކަށް ވެފައެވެ.
ވެރިރަށް ޓިއުނިސްގެ އަވަށެއްގައި ދާދި ފަހުން މޭވާ ވިއްކަން އުޅުނު ޒުވާނެއްގެ އަތުން ފުލުހުން އޭނާގެ ކައްޓާ ފޭރިގަތުމުން އޭނާ ވަނީ އަމިއްލައަށް މަރުވެފައެވެ.