އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިކަމަށް މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ރޭ ބުނީ އެ ބަނގުރާތައް ނައްތާލާފައިވަނީ އޮކްޓޯބަރ 10 ވަނަ ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަނުގައި ކަމަށެވެ.

އެގޮތުން، ނައްތައިލާފައިވަނީ 133 ފުޅި ބަނގުރާ އަދި 29 ދަޅު ބިޔަރެވެ. މިތަކެއްޗަކީ މި އަހަރުގެ އޮގަސްޓް މަހުގެ 16 އިން ސެޕްޓެމްބަރ 14 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތިކަމަށްވެސް މޯލްޑިވްސް ޕޮލިސްސާވިދސަސް އިން ބުންޏެވެ.

އެ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.