ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި އިނގިރޭސިވިލާތުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ މޮޅެއް ނުހޯދި ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

އަނިޔާގެ ސަބަބުން، ސްޕަރ ސްޓަރ ލިއޮނަލް މެސީ ނުލައި ކުޅެން ޖެހުނު ޕީއެސްޖީ އަމިއްލަ ދަނޑުގައި ޕޮއިންޓަކުން ފުއްދާލަން ޖެހުނީ ޕޯޗުގަލްގެ ބެންފީކާއާ ވާދަކޮށް 1-1 އިން އެއްވަރު ވުމުންނެވެ. ޕީއެސްޖީން މެޗުގެ ލީޑް ނެގީ 39 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނުރައްކާތެރި ފޯވާޑް ކިލިއަން އެމްބައްޕޭއެވެ. ކްލަބާމެދު ހިތްހަމަ ނުޖެހި، ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ކްލަބު ދޫކޮށްލަން އެމްބައްޕޭ ބޭނުންވާ ކަމުގެ ޚަބަރުތައް މެޗުގެ ކުރިން ގަދައަށް ފެތުރުނުނަމަވެސް މެޗުގައި އެމްބައްޕޭ ކިބައިން އެކަހަލަ އެއްވެސް ކަމެއް ފެނިފައެއް ނުވެއެވެ. އަނެއްކޮޅުން މިމެޗުގައި އެމްބައްޕޭ،22، ޖެހި ލަނޑާއެކު އޭނާ ވެފައި ވަނީ ޕީއެސްޖީގެ ތާރިހުގައި އެކްލަބަށް ޗެމްޕިއަންސް ލީގުގެ ތާރިހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ކަމުގައެވެ.

ދެވަނަ ހާފް ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ބެންފީކާއިން ނަތީޖާ ހަމަހަމަ ކުރީ 66 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ތަޖުރިބާކާރު މިޑްފީލްޑަރު ޖޮއޯ މާރިއޯއެވެ.

ޕީއެސްޖީ އާއި ބެންފީކާއަށްވެސް 8 ޕޮއިންޓް ލިބިފައިވާއިރު ގްރޫޕުގެ ކުރި ޕީއެސްޖީއަށް ލިބެނީ ޖެހި ލަނޑުގެ ތަފާތުންނެވެ. މިގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި އިޓަލީގެ ވަރުގަދަ ޔުވެންޓަސްގެ މައްޗަށް އިޒްރޭލުގެ މެކަބީ ހައިފާ ވަނީ 2-0 އިން ކުރި ހޯދާފައެވެ. ޔުވެންޓަސް އާއި ހައިފާއަށްވެސް ލިބިފައި ވަނީ 3 ޕޮއިންޓެވެ.

ވަރުގަދަ ފޯވާޑް އާރްލިންގ ހާލަންޑް ނުލައި ކޯޕަންހޭގަންއާ ދެކޮޅަށް ނުކުމެ ސިޓީއަށް ކުރެވުނު ވަރަކީވެސް ބަލިނުވެ ފަރުޖެއްސުމެވެ. ގިނަ ބަދަލުތަކަކާއެކު ނިކުތް ސިޓީއިން މެޗުގެ 30 ބަނަ މިނެޓުން ފެށިގެން ކުޅެން ޖެހުނީ އެއްކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ޒުވާން ޑިފެންޑަރު ސާޖިއޯ ގޮމޭޒަށް ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އޭގެ ކުރިން ސިޓީގެ ރިޔާދް މަހްރޭޒް އަތުން ޕެނަލްޓީއެއް ބޭކާރު ވުމާއި ރޮޑްރީ ޖެހި ލަނޑެއް ލަނޑެއް ނޫންކަމަށް ރެފްރީ ނިންމިއެވެ. މިތިން ނިންމުންވެސް ރެފްރީ ނިންމީ ވީއޭއާރު ބެލުމަށްފަހުއެވެ.

މިމެޗުން އެއްވަރުވިނަމަވެސް ސިޓީ އޮތީ 10 ޕޮއިންޓާއެކު މިގްރޫޕުގެ ކުރީގައެވެ. ދެވަނައިގައި 7 ޕޮއިންޓާއެކު އޮތީ ޖަރުމަނުގެ ލައިޕްޒީގެވެ. 2 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ސެވިއްޔާއެވެ. ކޯޕަންހޭގަންވެސް ލިބިފައި ވަނީ 2 ޕޮއިންޓެވެ.