ކުރިއަށް އޮތް ޖީ20ގެ ރިޔާސަތާ އިންޑިއާއިން ހަވާލުވާއިރު 200 އަށް ވުރެ ގިނަ ބައްދަލުވުންތަކެއް ބޭއްވުމަށް ރާވާފައި ވެއެވެ. އިންޑިއާ އިން ޖީ20ގެ ރިއާސަތުގައި މައިގަނޑު ތީމަކަށް ގެންގުޅޭނީ 'ސޯލް އޮފް އިންޑިއާ' އެވެ. މި ބައްދަލުވުންތަކުގައި އިންޑިއާއިން ދައްކަން ބޭނުންވަނީ 'އިންޑިއާގެ ތަޖުރިބާ'އާއި އިންޑިއާގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޒިޔާރަތްކުރާ ކޮންމެ މަންދޫބަކު އެނބުރި ދާއިރު އެމީހަކީ 'އިންޑިއާގެ ޓޫރިޒަމް އެމްބެސެޑަރ' ކަމުގައި ވެގެންދާނެ ގޮތަކަށެވެ.

އިންޑިއާއިން ފުރަތަމަ ފަހަރަށް ޖީ20 ޕްރެޒިޑެންސީއާ ހަވާލުވާއިރު އެކަން ބްރޭންޑް ކުރުމަށް ހަވާލުވާނެ ކުންފުންޏަކީ އޮގިލްވީ، މަތަރ އެންޑް މެކެން އެރިކްސަން (އިންޑިއާ) ކަމަށް ބެލެވެއެވެ. އެކުންފުނިން ޖީ20 ސެކްރެޓޭރިއަޓުން ރާވާ ކޮންމެ އިވެންޓެއް މެނޭޖު ކުރާނެއެވެ.

އޭގެ އިތުރުން ސަރުކާރުގެ ހުރިހާ ޑިޕާޓްމަންޓްތަކުން ދަނީ ޖީ20 ހޯސްޓް ކުރުމަށް ޑިސެމްބަރު 1، 2022 އިން ފެށިގެން އިންޑިއާގެ ރިޔާސަތުގެ ދަށުން ތާވަލުކުރާ ބައްދަލުވުންތަކުގެ ބުރުތަކުގައި މަޝްވަރާކުރާނެ މުހިންމު މައްސަލަތަކާ ގުޅޭ ގޮތުން އިންޑިއާގެ ސިޔާސަތުތަކާއި ކަންކަމުގައި ދެކޭ ގޮތް ޕްރޮޖެކްޓް ކުރުމަށް ޚާއްސަ ޓާސްކުފޯހެއް ތައްޔާރު ކުރަމުންނެވެ.

އޭގެ ތެރޭގައި މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް، ފައިނޭންސް، އެންވަޔަރަންމަންޓް، ޓޫރިޒަމް އިން ފެށިގެން ރިޒާވް ބޭންކް އޮފް އިންޑިއާއާ ހަމައަށް ހުރިހައި އިދާރާއަކުން ކޮންސަލްޓަންޓުންނާއި ޕޮލިސީ އެސޯސިއޭޓުންގެ އިތުރުން ޒުވާން ޕްރޮފެޝަނަލުން ހޯދުމަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ދައުވަތު ދީފައިވެއެވެ. އެފަރާތްތަކުން ކޮންސެޕްޓް ނޯޓާއި ތީމްތަކާއި އިސްކަންދޭ މައުޟޫއުތައް ތައްޔާރުކުރުމުގައި އޮފިޝަލުންނަށް އެހީތެރިވެދެވޭނެއެވެ.

އަދި ޖީ20 ސެކްރެޓޭރިއަޓްގައި މަސައްކަތް ކުރާ ހުނަރުވެރިން އިތުރު ކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޕަރސަނަލް އެންޑް ޓްރޭނިންގ އިން ގެންދަނީ ޑިރެކްޓަރުންނާއި ޑެޕިއުޓީ ސެކްރެޓަރީން އަދި އަންޑަރ ސެކްރެޓަރީންނާއި ޑެޕިއުޓީ ޑިރެކްޓަރުން ވަގުތީ ގޮތުން ގެންގުޅުމަށްޓަކައި ހޯދަމުންނެވެ.

ޖީ20ގެ ކޮންސަލްޓަންޓުންގެ ގޮތުގައި ހަރަކާތްތެރިވާނީ ރިޓަޔާޑް މުވައްޒަފުންނެވެ. އެގޮތުން މަސައްކަތުގައި އުޅޭ ފަރާތްތަކަށް 9 މަސް ދުވަހުގެ މުއްދަތަށް ދޮޅު ލައްކަ ރުޕީސް ދިނުމަށްވެސް ހަމަޖެހިފައި ވެއެވެ.

ޖީ20 ގެ ބައްދަލުވުންތައް ބާއްވާއިރު ކޮންމެ ބައްދަލުވުމެއްވެސް ރާވަމުންދަނީ އެއިން 'ސަގާފީ އަދި ތާރީޚީ ތަޖުރިބާތަކެއް' ލިބޭނެ ގޮތަށެވެ.

ޖީ20ގެ ބައްދަލުވުންތަކަށް އަންނަ މަންދޫބުންނަށް ދޭ 'އިންޑިއާ އެކްސްޕީރިއަންސް' ގައި އެކްސްކާޝަންތަކާއި އެކިއެކި އާސާރީ މަރުކަޒުތަކަށް ޒިޔާރަތް ކުރުމާއި އަދި އަނބިންނާއި ފިރިންނާއެކު ދަތުރުކުރާ ފަރާތްތަކަށް ޚާއްސަ ޒިޔާރަތްތައް ރާވާފައި ވެއެވެ.

އޭގެ އިތުރުން ސަގާފީ ހަވީރުތަކާއި ގާލާ ޑިނަރތަކުގެ އިތުރުން ލޯކަލް ކެއުންތައް ތަޖުރިބާ ކޮށްލުމަށް ރާވާފައިވާއިރު، މަންދޫބުންނަށް އިންޑިއާގެ ސަގާފީ ހެދުން ލުމުގެ ފުރުސަތުތައް ފަހިކޮށްދޭ ގޮތަށްވެސް ހަމަޖެހިފައިވެއެވެ.