ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ، އިތުރު އެއްއަހަރަށް އިއްޔެ ކޮންޓްރެކްޓް އައުކޮށްފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފައި ވަނީ މޮރިއޭރޯގެ އެއްބަސްވުން އާކުރީ އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެއިން ކުރި އެރުންތަކެއް ހޯދާފައިވާތީ ކަމަށެވެ. މޮރިއޭރޯ ކޮންޓްރެކްޓް އާކޮށްފައި މިވަނީ އޭނާއަށް ލިބެންޖެހޭ މުސާރަ ނުލިބޭތާ 6 މަސްވެފައިވާކަމަށް މީޑިޔާގައި ޚަބަރުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ބްރެޒިލްގެ މަޝްހޫރު ރޮނާލްޑޯއާއެކު އިންޓަމިލާނަށް ކުޅުނު މޮރިއޭރޯ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗްކަމަށް ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެއިން ފުރަތަމަ ވާދަކުރީ ލަންކާގައި އޮތް އެކުވެރިކަމުގެ މުބާރާތެއްގައެވެ. އެމުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރީ ސީޝެލްސް އާއި ލަންކާ އަދި ބަންގްލަދޭޝްއެވެ. ލީގް އުސޫލުން ކުޅުނު މިމުބާރާތުގައި ރާއްޖެއަށް އެންމެ މެޗެއްވެސް ކާމިޔާބު ނުކުރެވި ފައިނަލަށް ނުގޮސް ކެޓީއެވެ. އޭގެ ފަހުން މިދިޔަ މަހު ލާއޯސް އާއި ބްރުނާއީ ދެކޮޅަށް ކުޅެ ރާއްޖެ ވަނީ މޮޅުވެފައެވެ.