ޕާކިސްތާންގެ ސެނެޓުގައި ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުގެ މެމްބަރުންނާއި އިދިކޮޅު މެންބަރުންނާ ދެމެދު ވަރުގަދަ ޒުވާބެއް ހިނގައިފިއެވެ.
ދެ ފަރާތުން ވެސް އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުކޮށްފައި ވަނީ ސިޔާސީ ފައިދާތަކަށް ދީނީ ކާޑު ކުޅެ ނަފްރަތުގެ ވާހަކަތައް ދައްކާ ފަތުރަމުން ގެންދާ ކަމަށެވެ. ބައެއް މެމްބަރުން އެކަކު އަނެކަކަށް ހަޅޭއްލަވައި ގޮނޑި ދޫކޮށްލާފައި މަޖިލީހުން ބޭރުވެފައިވެއެވެ.
1890 ވަނަ އަހަރުގެ ރޭލްވޭއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް އަމާޒުކޮށްގެން ބިލެއް ހުށަހެޅުމަށް ލޯ މިނިސްޓަރު އައްޒަމް ނަޒީރު ތަރާރު ހުއްދަ ހޯއްދެވުމަށް ހުށަހެޅުއްވުމުން މަޖިލީހުގެ އިދިކޮޅު ލީޑަރު ޑރ ޝަހުޒާދު ވަސީމް ވަނީ އިދިކޮޅުފަރާތްތައް ހިފައި ހައްޔަރު ކުރުމަށް ބޭނުންކުރާ ގާނޫނުތައް މުރާޖައާ ކުރަން ޖެހޭ ކަމަށް ފާހަގަ ކުރައްވައިފައެވެ. އަދިތަހުރީކޭ އިންސާފް ޕާޓީގެ ވެރިޔާ އިމްރާން ޚާނާ ދެކޮޅަށް ޕާލަމެންޓްގައި ޕާކިސްތާންގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ދެއްކެވި ވާހަކަތަކަށް ހަރުކަށިކޮށް ރައްދު ދެއްވަމުން ޑރ ވަސީމް ތުހުމަތު ކުރެއްވީ މިނިސްޓަރވެސް ދެއްވާފައިވަނީ ދީނީ ކާޑު ކުޅުއްވައިގެން ނަފްރަތު އުފެއްދުމުގެ ވާހަކަތަކެއް ކަމަށެވެ.
އަދި ޚިޔާލުތަފާތުވުންތައް ނައްތާލުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށްގެން ބޭނުންކުރާ އިސްތިޢުމާރީ ޒަމާނުގެ ޤާނޫނުތަކަށް އަލުން މުރާޖައާ ކުރުމަށް ގޮވާލެއްވިއެވެ.
ލޯ މިނިސްޓަރު ތަރާރު ވަނީ އެ ހުށަހެޅުމަށް މަރުހަބާ ވިދާޅުވެ، ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކުން އަބަދުވެސް އެކަމާމެދު ހެޔޮ ވިސްނުމެއް ގެންގުޅޭ ކަމަށާއި އެކަމަށް އިދިކޮޅު ފަރާތްތަކާއެކު އިށީންނަން ތައްޔާރަށް ތިބި ކަމަށް ވިދާޅުވެފަ އެވެ.
ޕާކިސްތާންގެ ސެނެޓުގެ ޖަލްސާ ހަލަބޮލި ވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތަޅުމުން ބޭރުވުމުން ކޯރަމް ގެއްލިގެން ހުކުރު ދުވަހާ ހަމައަށް ޖަލްސާތައް ވަނީ މެދުކަނޑާލާފަ އެވެ.