ސަޢުދީ ސަރުކާރުގެ އެހީގައި މާލޭގައި އިމާރާތްކޮށް ނިމިފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވޭނެ ތާރީޚެއް އަދި ކަށަވަރުނުވާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިއަދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީ ގުޅިގެން މިހާރު ގެންދަވަނީ އެ މިސްކިތް ހުޅުވުމުގެ ތާރީޚެއް ކަނޑައެޅުމަށްޓަކައި ސަޢުދީ ސަރުކާރާ މަޝްވަރާ ކުރަމުން ކަމަށެވެ.

އެ މިސްކިތުގެ ކޮންޓްރެކްޓްގައި ބަޔާން ވެގެން ހުރި އެންމެހައި މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. "ކޮވިޑް19 ގެ ހާލަތު ދިމާވިއިރު ސަރުކާރުން ދިޔައީ ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ސައުދީ ސަރުކާރާ ވާހަކަ ދައްކަވަމުންނެވެ. އަދި މާޗް މަހުގައި ހުޅުވުމަށް ރާވާ މަސައްކަތް ކުރެވެމުން ދިޔަ އެވެ." ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ. އެހެން ނަމަވެސް ކޮވިޑް19 ގެ ހާލަތާ ގުޅިގެން މިހާރު އެކަން ވަނީ ލަސްކުރެވިފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެ މިސްކިތް ހުޅުވާނެ ތާރީޚަކާ ބެހޭ ގޮތުން ސަޢުދީ ސަރުކާރާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުސްވި ނޮވެމްބަރު މަސްތެރޭގައި ވެސް ހާމަކުރައްވައިފައެވެ.