މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ކުރިމަތި ލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން އަނެއްކާ ވެސް ހުޅުވާލައިފިއެވެ. މީގެ ކުރީން ވެސް އެމްއެމްސީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށްފަހު އެފަހަރުކުރި އިއުލާން ވަނީ ބާތިލް ކުރައްވައިފައެވެ.

ހޯމް މިނިސްޓްރީން ވިދާޅުވެފައިވަނީ މި ފުރުސަތު ހުޅުވާލީ އެ ކައުންސިލްގެ 13 މެމްބަރުންގެ މަގާމުގެ މުއްދަތު އަންނަ ޑިސެމްބަރު 14 ގައި ހަމަވާތީއެވެ.

ކައުންސިލަށް އިންތިޚާބު ކުރާ 13 މެމްބަރުންގެ ތެރޭގައި ހިމެނެނީ މީޑިއާ ތަމްސީލްކުރާ 7 މެމްބަރަކާއި އާންމު 6 މެމްބަރެކެވެ. މިޑީއާ ތަމްސީލްކުރާ މެމްބަރުންގެ ނަންތައް ހުށަހަޅާނީ މީޑިއާއިންނެވެ.

އިންތިޚާބުކުރާ، އާންމު މެމްބަރުންގެ ތެރެއިން އާންމު މެމްބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ މީހުންނެވެ.

މި ކަންއުންސިލަށް ހޮވޭ މެމްބަރުންގެ ދައުރަކީ ދެ އަހަރެވެ. ވިދިވިދިގެން ދެ ދައުރު އެއްވެސް މެމްބަރަކަށް އަދާއެއް ނުކުރެވޭނެއެވެ.

ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މިހިނގާ އޮކްޓޯބަރު 23 ވަނަ ދުވަހު 2:00 ގެ ކުރީން އެކަމަށް އެދޭ ފޯމާއި އެހެނިހެން ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނޭ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ހުށަހަޅާ ލިޔެކިޔުންތައް ހުންނަން ވާނީ ޕީޑީއެފް ފޯމެޓުގައެވެ.