ޕީޕީއެމް/ޕީއެންސީ އިން ހޯމަދުވަހު ބޭއްވި މުޒާހަރާގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން 9 މީހަކު އިއްޔެ ދޫކޮށްލައިފި ކަަމަށް ޕީޕީއެމުން ބުނެފިއެވެ.

އެޕާޓީން ބުނެފައިވަނީ އެޕާޓީގެ ޔޫތު މެމްބަރ އަދިވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަަމަށެވެ. އޭނާ ކޯޓަށް ގެންގޮސް ބަންދަށް 3 ދުވަސް ކޯޓުން ދީފައިވާ ކަމަށް ވެސް ޕީޕީއެމުން ބުނެފައިވެއެވެ.

މުޒާހަރާއިން ހައްޔަރުކުރި 10 މީހުގެ ތެރޭގައި ހިމެނެނީ 7 އަންހެނަކާއި 3 ފިރިހެނުންނެވެ.

މި މުޒާހަރާއަކީ މަސްވެރީންނަށް ސަރުކާރުން ވެފައިވާ ވައުދު ނުފުއްދާ ކަމަށް ބުނެ ކޮށްފައިވާ މުޒާހަރާއެކެވެ. އެ ކަމާގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ މަސްވެރި މުޅިސިނާޢަތު ހަލާކުކޮށް ދިވެހި މަސްކަނޑުތަކުގައި ބޭރުގެ ބޯޓުފަހަރަށް ދާއަޅަންޖާގަދީ ސަރުކާރުން މަސްވެރިން ނިކަމެތިކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެކަމާ ދެކޮޅަށް މަސްވެރިންގެ ހައްޤުގައި އަޑުއުފުލި އެތައް ރައްޔިތެއް އަނިޔާވެރިކަމާއެކީ ހައްޔަރަށްލުން ކުށްވެރިކުރާ ކަމަށެވެ. ހައްޔަރު ކުރި މީހުން ދޫކޮށްލީ އެމީހުން ދޫކޮށްލުމަށް އެދި ޕީޕީއެމުން ގޮވާލައިފައިވަނިކޮށްނެވެ.