މިއަހަރުގެ މަސްވެރީންގެ ދުވަސް ގދ. ފަރެސްމާތޮޑާގައި ރަސްމީކޮށް ފާހަގަ ކުރުމަށް ސަރުކާރުން ނިންމުމުން އެކަމަށް އެރަށް ތައްޔާރު ކުރުމުގައި އަވަށްޓެރި ފިޔޯރީން އޭހިތެރިވާނޭ ކަމަށް ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒު ވިދާޅުވެއްޖެއެވެ.

އަހުމަދު އިމްތިޔާޒު ވިދާޅުވީ ފަރެސްމާތޮޑާ ކައުންސިލާއި ފިޔޯރީ ކައުންސިލާއި އެރަށު ޑަބްލިޔުޑީސީން ވަނީ މިކަމާ ބެހޭގޮތުން މަޝްވަރާ ކޮށްފައި ކަމަށެވެ. "އެމަޝްވަރާގައި ފިޔޯރީން ބުނެފައިވަނީ މަސްވެރީންގެ ދުވަހަށް ފަރެސްމާތޮޑާ ސާފުކުރުމުގެ މަސައްކަތުގައި އެހީތެރިވާނޭ ކަމަށް. އޭގެ އިތުރުން ފައިސާގެ ގޮތުން ވެސް އެހީދިނުމާބެހޭ ގޮތުން ވާހަކަ ދެކެވުނު،" އަހުމަދު އިމްތިޔާޒު ވިދާޅުވިއެވެ.

މަސްވެރީންގެ ދުވަހަކީ ޑިސެމްބަރު 10 ވަނަ ދުވަހެވެ. އެދުވަހަށް ތައްޔާރުވުމަށް ފަރެސްމާތޮޑާއަށް ލިބިފައިވަނީ މަދު ދުވަސްކޮޅެކެވެ. ދެމަހެއްހާ ދުވަސްތެރޭގައި އެންމެ ރަނގަޅަށް ތައްޔާރުވެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މަސްވެރީންގެ ދުވަހަށް އެރަށަށް ވަޑައިގަންނަވާ މެހުމާނުންނަށް މަރުހަބާ ކިޔުމަށް ރަށް ޒީނަތްތެރި ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.