ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަންޖެހޭ އަދަދު ގިނަވެ، ޚަރަދު ބޮޑުވާ މައްސަލަ އަކީ ވިސްނުންތެރިކަމާއެކު ދިރާސާކޮގެން ހައްލު ހޯދަން ޖެހޭމައްސަލައެއް ކަމަށް އެމްއެންޕީގެ ޕީޖީ ލީޑަރ އަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

ރިޔާޟް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާޟް ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ދިރާސާކުރަންވީ މިއަހަރު ތެރޭގައި 38 ބައި-އިލެކްޝަން ބާއްވަންޖެހުނު ސަބަބަކީ ކޮބާތޯ ބެލުން ކަމަށެވެ. އެގޮތުން ކައުންސިލްތަކާއި ކޮމެޓީތަކުގެ މެންބަރުން އިސްތިއުފާ ދެއްވާ މިގޮތަށް ގޮނޑި ހުސްވަނީ ކޮން ސަބަބުތަކަކާ ގުޅިގެން ކަމާއި އިސްތިއުފާ ދެއްވަންޖެހެނީ ކީއްވެތޯ ދިރާސާކޮށް ބަލައި އެކަން ދެނެގަތުން މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.

މިކަމާމެދު މިހާރު 3 ބިލަކަށް ސަރުކާރުގެ ފަރާތުން އިޞްލާޙު ހުށަހަޅާފައިވާ ކަމަށާއި އެއީ ލާމަރުކަޒީ އުޞޫލުން ދާއިރާތައް ހިންގުމާމެދު ސަރުކާރުގެ ހަރުދަނާ ވިސްނުމެއް ނެތުމުންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން، ޚަރަދު ބޮޑުވުމުގެ ވާހަކަ ދައްކާއިރު، މި ރާއްޖޭގައި ބައެއް ހިސާބުތަކުގައި އަހަރެއް ވެގެންދާއިރު އެންމެ ޝަރީޢަތެއްވެސް ނުކުރައްވާ ފަނޑިޔާރުން އެބަ ތިއްބެވި ކަމުގައެވެ. އަދި އަތޮޅު ކައުންސިލްތަކުގެ ޒިންމާއަކީ އަދި މަސްއޫލިއްޔަތަކީ ކޮބައިތޯ ބައެއް ރައްޔިތުން ސުވާލުކޮށް އެބަ ހަދާ ކަމުގައެވެ. އެގޮތުން އަތޮޅު ކައުންސިލްތަކުގެ ހަމައެކަނި ޒިންމާއަކީ ފަޅު ރަށްރަށް ވަރުވާއަށް ލިޔެ ދޫކުރުން އެކަނިތޯވެސް ސުވާލުކުރާ ކަމުގައި ވެސް ވިދާޅުވިއެވެ.

އެ ބިލަށް ވާހަކަ ދައްކަވަމުން ރިޔާޟް ވިދާޅުވީ މިއީ ޤައުމަށް އެކަށޭނަ ނިޒާމެއްތޯވެސް ބަލަން ޖެހޭ ކަމަށާއި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އެކަން ދިރާސާކޮށް ބެލުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.