މި އަހަރު ބާއްވާ ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތުގައި ބައިވެރިވުމަށް މިހާތަނަށް 3055 ފަރާތަކުން ފޯމް ހުށަހަޅާފައިވާކަމް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ އެ މުބާރާތުގައި ބައިވެރިވެގެން ކިޔެވުމަށް ހުށަހަޅާފައިވަނީ 2539 ފަރާތަކުން ކަމުގައެވެ. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މިކަން ހާމަކުރެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް ގެ އިސްނެންގެވުމުގެ މަތީން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ގުޅިގެން ރިސޯޓުތަކުގެ އިމާމުން ތަމްރީނު ކުރުކުމުގެ ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މުބާރާތުގެ އޮޑިޝަން ބުރު މިހާރު ވަނީ ނިމިފައެވެ. ދެން ކުރިއަށްދާނީ ފައިނަލް ބުރެވެ. ފައިނަލް ބުރު ކުރިއަށްދާނީ 2020 ޑިސެމްބަރ 13 ވާ އާދިއްތަ ދުވަހުގެ 08:00 އިން 2020 ޑިސެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
އަށް ޢުމުރުފުރާ އަކަށް ބަހާލައިގެން ގެންދާ މި ވާރޗުއަލް ޤުރުއާން މުބާރާތުގައި މި ޢުމުރު ފުރާގެ ތެރޭގައި ހިމެނޭ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބައިވެރިވެވޭ ގޮތަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ރަޖިސްޓްރީވުމާއި ވީޑިޔޯ އަޕްލޯޑް ކުރުން ކުރިއަށްދާނީ މި މުބާރާތަށް ޚާއްސަކުރެވިފައިވަ ޕޯޓަލް https://portal.nchq.gov.mv އިންނެވެ. ކިޔެވުމުގެ ރެކޯޑިން ހުށަހަޅަން ދަތިވާ ބައިވެރިންނަށް 7321728 ވައިބަރ ނަންބަރަށް ވީޑިއޯ ފޮނުވުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް މިނިސްޓްރީންވަނީ މިދިޔަ ހަފްތާގެ ތެރޭގައި މަޢުލޫމާތުދެއްވާފައެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމު ކޮށްގެން ބާއްވާ "ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020" އަކީ މީގެ ކުރިން ބާއްވަމުންދިޔަ ޤައުމީ މުބާރާތާ ޚިލާފަށް މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ވާޗުއަލްކޮށް ޤައުމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަލައިގެން ކިޔެވުމުގެ ޚާއްޞަ މުބާރާތެކެވެ.