ހުޅުމާލޭ ފަޅުތެރޭގައި، އެމްޕީއެލް ސަރަހައްދާ ދިމާ ބޭރުގައި އަޅާފައި އޮތް "ހީނާމާ" ނަމަކަށް ކިޔާ ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ، އެ ތިލަކުރަން އުޅުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ކުރަމުންދަނިކޮށް އަަޑިއަށް ހިނގައްޖެއެވެ.

ދޯނި އަޑިއަށްދިޔައީ މިއަދު ހެނދުނު 07:31 ހާއިރު ދޯނި އޮތް ސަރަހައްދަށް ގޮސް ޕަންޕު ބޭނުންކޮށްގެން ދޯނިން ފެން ހިއްކުމުގައި ހަރަކާތްތެރިވަމުންދަނިކޮށް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. "ޕަންޕު ޖައްސައިގެން، "ހީނާމާ" ދޯނީގެ ދިޔަގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް އެ ދޯނި ވަނީ އަޑިއަށް ގޮސްފައެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ. އެ ދޯނީގެ ދެ ފަރާތުގައި އޮތް ދެ ދޯންޏެއްގެ އެހީގައި ވާ އައްސައި ފެންފަށަލަމަތީގައި އޮންނާނޭ ގޮތަށް މިހާރުވަނީ ހަދާފައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އެ ދޯނި ފެންމަތިކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން މިހާރު ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އެ ދޯނި ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރްސީސީއަށް ލިބުނީ މިއަދު ހެނދުނު 07:10 އެހައިކަންހާއިރު ކަމަށެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން މަސައްކަތްފެށީ 7:31 ގައެވެ.

މި ހާދިސާ ހިނގިއިރު އެ ދޯނީގައި ހުރީ އެންމެ ފަޅުވެރިއެކެވެ.