ސަރުކާރުގެ ރެވެނިއުއެއްގެ ގޮތުގައި ޒަކާތް ބޭނުން ނުކުރެވޭނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު ޑރ. އަޙުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވޯލްޑް ޒަކާތް ފޯރަމް އިންޓަނޭޝަނަލް ކޮންފަރެންސް އެންޑް އެނުއަލް މީޓިން 2020 ގައި ބައިވެރިވެ ވަޑައިގެން ކުރެއްވި ތަގުރީރުގައެވެ. މި ފޯރަމުގައި މިނިސްޓަރ ބައިވެރިވެ ވަޑައިގެންނެވީ ޒޫމް މެދުވެރިކޮށެވެ.
ޒަކާތަކީ "ސަރުކާރުގެ ބަޖެޓްގެ ރެވެނިއުއެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެކަމަށާއި ސަބަބަކީ ސަރުކާރުން ހިންގާ ތަފާތު މަޝްރޫޢުތަކުން ޝަރީޢާ ހުއްދަ ނުކުރާ ކަންކަމަށް ޚަރަދުކުރެވިދާނެ ކަމަށްޓަކައި،" މިނިސްޓަރ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ ގޮތަށް ހަދައިފިނަމަ ޢާއްމުން ޒަކާތް ނަގާ އަދި ބެހުމުގައި ހަވާލުވެ ތިބޭ ފަރާތްތަކަށް އޮންނަ އިތުބާރު ގެއްލޭނެ ކަމަށެވެ. "އެހެންކަމުން ޒަކާތް ނަގައި އޭގެ ހައްގުވެރިންނަށް ހަވާލުކޮށް އަދި ޒަކާތު ފައިސާ ޝަރީޢާ ހުއްދަ ކުރާ އިމުގެ ތެރެއިން ބޭނުން ކުރުމަކީ މިނިސްޓްރީ ގެ މެންޑޭޓް،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ޒަކާތުގެ ޤާނޫނެއް އެކުލަވާލައި މީހުން ދައްކަންޖެހޭ ޒަކާތް ދެއްކުމަށް ބާރުއެޅުމަށް ވަރަށް މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ސަބަބުން ޒަކާތުފައިސާ އޭގެ އެންމެ ފުރިހަމަ ގޮތުގައި މީހުން އަތުން ނެގިގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ޒަކާތް އޭގެ ހައްގުވެރިންނަށް ލިބި އިޖުތިމާއީ ފުދުންތެރިކަމަށް ސަރުކާރުން ކުރަންޖެހޭ ޚަރަދު ކުޑަވެގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޒަކާތު ފައިސާ އަކީ ސަރުކާރުން އިޖްތިމާއީ ފުދުންތެރިކަމަށް ޚަރަދުކުރެވިދާނެ ހަރުދަނާ ނިޒާމެއްކަން ހާމަވެގެންދާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޒަކާތުގެ ފައިސާ 8 ބަޔަށް ބަހާގޮތަށް ކަނޑައެޅިފައިވީނަމަވެސް ރާއްޖެފަދަ އިސްލާމީ ދައުލަތެއްގައި މި 8 ބަޔަށް ބެހުން ލާޒިމްވާ ހާލަތު ނައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެފަދަ ޙާލަތެއްގައި އެންމެ އައުލާކަން ބޮޑުވެގެންވާ ބަޔަށް ޒަކާތުގެ ފައިސާ ގިނައިން ބެހިދާނެ ކަމަށް ވެސް ވިދާޅުވިއެވެ. ޒަކާތް އޭގެ ހައްޤުވެރިންނަށް ރައްދުކޮށްދިނުމުގެ ކަންތައްތައް ދެފުށް ފެންނަ ނިޒާމަކުން އަދާކުރާނަމަ ސަރުކާރުން އިޖުތިމާއީ ފުދުންތެރިކަމަށް އަދާކުރަންޖެހޭ ބުރަ ކުޑަވެގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން، ކޮވިޑް-19 ގެ ސަބަބުން ޕްރީސުކޫލްތަކާއި ޤުރުއާން ކުލާސްތައް އެއްކޮށް ހުއްޓިގެން ދިޔަ ކަމަށާއި އެކަން ހައްލުކޮށް ސުކޫލުތަކާއި ޤުރުއާން ކުލާސްތައް އާއްމު ޙާލަތަށް ރުޖޫއަވެ ހިންގަން ފެށުމަށް ޒަކާތުފަންޑުން ވަރަށް ބޮޑު އެހީތެރިކަމެއް ދެވިދާ ކަމަށް ވިދާޅުވިއެވެ.
"ހަމައެހެންމެ މި ބަލިމަޑުކަމުގެ ސަބަބުން އެހެން ޤައުމު ތަކުގައި ރާއްޖެ ނާދެވި ތިބި ފަރާތްތައް އަނބުރާ ރާއްޖެ ގެނައުމަށް ޒަކާތު ފަންޑުން ޚަރަދުކޮށްގެން އެފަރާތްތައް އަނބުރާ ގެނައުން،" ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ވަޒީފާ ގެއްލި މަގުމަތިވެފައިވާ މީހުންނަށް ކާނާ އާއި އުޅޭނެތަނެއް ޒަކާތު ފަންޑުގެ އެހީގައި ހަމަޖައްސައިދިނުން ހިމެނެއެވެ. އޭގެ އިތުރުން މިނިސްޓްރީން އިސްނަގައިގެން ފަޤީރުންނާއި މިސްކީނުންނަށް އެހީވުމަށް އެފަދަ މީހުންނަށް އަމިއްލަ ވިޔަފާރިއެއް ކުރުމަށް އެހީތެރިވެދޭ ޕްރޮގްރާމެއް ތަރައްޤީ ކުރުމަށްވަނީ ނިންމާފައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރެއިން މިފަދަ ވިޔަފާރިއަކަށް ބޭނުންވާނެ ހުނަރާއި ތަމްރީނު ފޯރުވައިދީ ޒަކާތުގެ ގޮތުގައި އެފަދަ މީހުންނަށް ލިބިފައިވާ ފައިސާއިން ވިޔަފާރިއެއް ހިންގާނެ ގޮތް އެނގިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ސަބަބުން މީހުން ފުދުންތެރިވެގެން ދިއުމަށް މަގެއް ހުޅުވިގެންދާނެ ކަމަށާއި ޒަކާތް ހައްގުވާ މީހުންގެ އަދަދު ދަށްވެގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އާމްދަނީ އެންމެންގެ މެދުގައި އިންސާފުވެރިގޮތެއްގައި ބެހިގެންދާނެ ގޮތް ކަނޑައަޅާފައިވަނީ ޒަކާތުގެ ތެރެއިން ކަމަށާއި އެއީ އީ އިސްލާމީ އިޤްތިޞާދު އޭގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށެވެ.
ވޯލްޑް ޒަކާތް ފޯރަމަކީ ޒަކާތާއި ގުޅޭ ގޮތުން މީހުން ހޭލުންތެރިކޮށް ޒަކާތާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި އެއްފުރާޅެއްގެ ދަށުގައި މަޝްވަރާކުރުމަށް ކުރިއަށްގެންދާ ފޯރަމެކެވެ. ހަމައެހެންމެ ޒަކާތުގެ ކަންކަން ކުރިއަރުވައި ޒަކާތުގެ ނިޒާމު ހަރުދަނާ އުސޫލެއްގެ ދަށުން ހިންގުމަށް މަގުފަހިކުރުމަށް މަސައްކަތްކުރާ ފޯރަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
ޑިސެމްބަރު އެކަކުން ދެއަކަށް ކުރިއަށް ގެންދިޔަ މި ފޯރަމުގައި 40 ގައުމަކުން ބައިވެރިވިއެވެ. އަދި މީގެ އިތުރުން ޒަކާތާއި ބެހޭ ފަންނީ މާހިރުންނާއި ޢިލްމީ މާހިރުންވެސް ބައިވެރިވިއެވެ. އަދި އެންޖީއޯ ތަކުންނާއި އެކި ގައުމުތަކުގެ ސަރުކާރުގެ އެޖެންސީތަކުންވެސް ބައިވެރިވިއެވެ. ފޯރަމް ބޭއްވީ އިންޑޮނޭޝިއާގައެވެ.