އޮގަސްޓު 2022 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ޖުމްލަ 248 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އެމިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އޭގެ ތެރެއިން 100 މައްސަލައަކީ ކުޑަކުދިންނަށްކުރާ އެކިބާވަތުގެ އަނިޔާއެވެ. އެހެން ކަމުން މިއީ މުޅި ރާއްޖެ ތެދުވެ ހުއްޓުވަންޖެހޭ މައްސަލައެކެވެ.

އަނިޔާގެ ތަފްސީލް

  • އިހުމާލުވުމުގެ 33 މައްސަލަ
  • ޖިންސީ ހާނިކައިގެ 24 މައްސަލަ
  • ޖިސްމާނީ ހާނިކައިގެ 15 މައްސަލަ
  • ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުންމުގެ 11 މައްސަލަ
  • ނަފްސާނީ ހާނިއްކައިގެ 6 މައްސަލަ
  • އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލަ
  • ބްލެކްމެއިލް ކުރުމުގެ 2 މައްސަލަ
  • ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ
  • އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ
  • އެހެނިހެން 3 މައްސަލަ

މީގެ އިތުރުން ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 16 މައްސަލައެއް އޮގަސްޓު މަހު ވަނީ ހުށަހެޅިފައެވެ. އޭގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ 5 މައްސަލަ، ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުކުރުމުގެ 5 މައްސަލަ، ރުޅި އިސްކުރުން / ރުޅިގަދަވެގެން އުޅުމުގެ 3 މައްސަލަ، ގެއިން ނިކުމެގެން ދިއުމުގެ 1 މައްސަލަ، ސްލޫކީ 2 މައްސަލަ އަދި ރުޅިވެރި، ގަވާއިދާ ޚިލާފު ނުވަތަ އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް އުޒުރުވެރިވުމުގެ 1 މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 4 މައްސަލައެއް އޮގަސްޓު މަހު ވަނީ ރިޕޯޓުކޮށްފައެވެ.މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި އައި.ޑީ ކާޑް/ ޕާސްޕޯޓް/ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާބެހޭ މައްސަލަތަކުގެ 2 މައްސަލަ، ކުދިން ސްކޫލަށް ނުފޮނުވުމުގެ 1 މައްސަލަ އަދި ސްކޫލަށް ބޭނުންވާ ތަކެތި ހޯދައި ނުދިނުމުގެ 1 މައްސަލައެއް ހުށަހެޅިފައިވެއެވެ. މީގެ އިތުރުން ވެސް ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުގެ ގޮތުގައި އޮގަސްޓު މަހު 6 މައްސަލަ ހުށަހެޅިފައިވެއެވެ.

މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ވައްކަންކުރުމުގެ 2 މައްސަލަ އަދި އެހެނިހެން 4 މައްސަލަ ހުށަހެޅިފައިވެއެވެ.