ރާއްޖޭގައި މަނީ ލޯންޑްރިންގެ މައްސަލަތައް ހިންގާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޒް އާދަމް ޝާމިލް ވެސް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތާއި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް، އޮފީސް އޮފް އޯވަރސީސް ޕްރޮސެކިއުޓޯރިއަލް ޑިވެލޮޕްމަންޓް، އެސިސްޓެންސް އެންޑް ޓްރެއިނިންގ ގުޅިގެން ކުރިއަށް ގެންދިޔަ ކޮރަޕްޝަން އެންޑް މަނީ ލޯންޑްރިންގ އިންވެސްޓިގޭޓިވް ސްކިލްސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން ދެއްކެވި ވާހަކައިގައެވެ. މިފަދަ މައްސަލަތައް މަދުކުރުމުގައި އިންވެސްޓިގޭޝަން އޮފިސަރުންގެ ދައުރާ އަދި ތަހުގީގުކުރާ ފަރާތްތަކަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވެސް އޭނާ ވާހަކަ ދެއްކެވިއެވެ.

މި ރަަސްމިއްޔާތު ބާއްވާފައިވަނީ އިސްކަންދަރު ބިލްޑިންގައި އިއްޔެއެވެ. އޮކްޓޯބަރ 9 އިން 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ކޮރަޕްޝަނަކީ ކޮބައިކަން، މަނީ ލޯންޑްރިންގެ ތަފާތު ވައްތަރުތަކާ އަދި ކުރިން ހުށަހެޅިފައިވާ މިފަދަ މައްސަލަތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ޚިދުމަތް، އެންޓި ކޮރަޕްޝަން ކޮންމިޝަން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އަދި ޕްރޮސެކއިުޓަރ ޖެނެރަލް އޮފީސް ހިމެނޭހެން 44 މުވައްޒަފުން ބައިވެރިވެފައިވެއެވެ.