އިންޑިއާއިން ޑިޖިޓަލައިޒޭޝަނަށް ކުރާ މަސައްކަތަށް ތައުރީފް ކުރައްވަމުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ޗީފް އިކޮނޮމިސްޓް ވިދާޅުވީ އެ ފިޔަވަޅަކީ މުޅި އިންޑިއާގައި ވިޔަފާރި މުއާމަލާތަށް ބަދަލު ގެންނާނެ ކަމެއް ކަމަށެވެ.

އައިއެމްއެފްގެ ޗީފް އިކޮނޮމިސްޓް ޕިއެރޭ އޮލިވިއާ ގޯރިންޗާސް އިންޑިއާގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ވިޔަފާރި މުއާމަލާތްތައް ޑިޖިޓައިޒް ކުރުމުން އޭގެ އެހީތެރިކަން ގިނަ ދާއިރާތަކަށް ފޯރާ ކަމަށެވެ. އސެގޮތުން އެއް ދާއިރާއަކީ މާލީ ނިޒާމުގައި އެންމެންގެ ބައިވެރިވުންއޮތުމެވެ. އެގޮތުން އިންޑިއާގައި މިފަހަކާ ޖެހެންދެން ބެންކު އެކައުންޓެއް ނެތް ގިނަ ބަޔަކަށް ޑިޖިތައިޒޭޝަންގެ ސަބަބުން ޑިޖިޓަލް ވޮލެޓްތައް ލިބުނުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ނަގުދު ފައިސާއިން މުއާމަލާތު ކުރުމުގެ ބަދަލުގައި ޑިޖިޓައިޒް ކޮށް މުއާމަލާތު ކުރުމުން ޒަމާނީ އިގްތިސާދުގެ ތެރެއަށް މީހުން ވެއްދުން ވެގެން ދިޔައީ ބޮޑު މަސައްކަތެއް ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

އިންޑިއާ ސަރުކާރުން ރައްޔިތުންނަށްދޭ ސަބްސިޑީގެ ފައިސާވެސް ނަގުދު ފައިސާއިން ދިނުމުގެ ބަދަލުގައި ރައްޔިތުންގެ އެކައުންޓަށް އެފައިސާ ދާގޮތަށް ހެދުމުގެ މަސައްކަތްވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން މަސައްކަތް އެފިޝެންޓްވެފައި ދެފުށް ފެންނަކަން ފާހަގަ ކުރެއްވިއެވެ.