ދުނިޔޭގައި ކުރިއަރަމުން އަންނަ ބާރެއްގެ ގޮތުގައި އިންޑިއާ ފާޅުވަމުން އަންނަ ގޮތާ ބެހޭ ގޮތުން އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި އިންޑިއާއާ ބެހޭ ސެމިނާރެއް ބާއްވައިފިއެވެ.

މި ސެމިނާރުގައި އެކި ގައުމުތަކުގެ މަންދޫބުންނާއި އޮސްޓްރިއާގެ ޕާލަމެންޓްގެ ކުރީގެ މެންބަރުންނާއި އޮސްޓްރިއާގެ ޔުނިވާސިޓީތަކާއި ތިންކް ޓޭންކްތަކުގެ ރިސާޗަރުން ބައިވެރިވެ ވަޑައިގަތެވެ. މި ސެމިނާރުގައި ދުނިޔޭގައި ކުރިއަރަމުން އަންނަ ބާރެއްގެ ގޮތުން އިންޑިއާއާ ބެހޭ މަޝްވަރާތައް ބާއްވާފައި ވެއެވެ.

ވިއެނާގެ ޑިޕްލޮމެޓިކް އެކަޑަމީގައި ހުންނަ ވިއެނާ ސްކޫލް އޮފް އިންޓަނޭޝަނަލް ސްޓަޑީޒްއާ ގުޅިގެން މި ސެމިނާ އިންތިޒާމު ކުރީ ވިއެނާގެ ލީޑިން ތިންކް ޓެންކެއް ކަމަށްވާ އޮސްޓްރިއާގެ އިންސްޓިޓިއުޓް ފޯ ޔޫރަޕިއަން އެންޑް ސެކިއުރިޓީ ޕޮލިސީ (އޭއީއައިއެސް) އިންނެވެ.

"ރައިސިން ޕަވަރ އިންޑިއާ" ގެ ނަމުގައި ބެއްވި ސެމިނާގައި ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި ވިއެނާގައި ހުންނަވާ އިންޑިއާގެ މަންދޫބު ޖައިދީޕް މާޒޫމްދާރާއި، ޔުނިވާސިޓީ އޮފް ވިއެނާގެ ޕްރޮފެސަރ އެމެރިޓަސް ހެއިންޒް ނިސެލް އަދި އޮސްޓްރިއާގެ ކުރީގެ ޑިފެންސް މިނިސްޓަރު އަދި އޭއީއައިއެސްގެ ރައީސް ވާނާ ފަސްލަބެންޑް ހިމެނިވަޑައިގަންނަވައެވެ.

އެ ބޭފުޅުން ވަނީ ދުނިޔޭގެ ބާރެއްގެ ގޮތުގައި އިންޑިއާ ކުރިއަރަމުންނާ ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

އެކި ދާއިރާތަކުން އިންޑިއާއިން ކުރި ހޯދަމުންދާ ގޮތާ ބެހޭ ގޮތުން ވާހަކަ ދެއްކެވީ އިންޑިއާގެ ސަފީރު މާޒޫމްދާރެވެ. އޭނާގެ ވާހަކައިގައި އިންޑިއާގެ ޖީޑީޕީ މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި 13 ޕަސެންޓަށް ވުރެ މައްޗަށް ގޮސްފައިވާ ކަން ފާހަގަ ކުރައްވައި އަދި މި އަހަރު 7 ޕަސެންޓަށް އިގްތިސާދު ތަރައްގީވާނެ ކަން ހާމަ ކުރެއްވިއެވެ.

މިހާރު އިންޑިއާ ވަނީ އިނގިރޭސިވިލާތް ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގްތިސާދަށް ވެގެން ގޮސްފައެވެ. މި ކުރިއެރުމުގެ ރޭޓާއެކު 2027 ވަނަ އަހަރުގެ ނިޔަލަށް ޖަރުމަނުވިލާތް އަދި 2029 ވަނަ އަހަރުގެ ނިޔަލަށް ޖަޕާން ފަހަތަށް ޖައްސާލައި ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު އިގްތިސާދަށް އިންޑިއާ ވެގެންދާނެ ކަމަށް ބެލެވޭ ކަމުގައި މި ސެމިނާރުގެ ބައިވެރިން ފާހަގަ ކުރެއްވިއެވެ.