ކުރިއަށް އޮތް އަހަރު ޕާކިސްތާނުގެ އިންފްލޭޝަން ގާތްގަނޑަކަށް 20 ޕަސެންޓަށް އަރާނެ ކަމަށް ބެލެވޭ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އެންމެ ފަހުގެ ރިޕޯޓުގައި ބުނެފިއެވެ. ޑޯން ނޫހުން ބުނިގޮތުގައި އެއިން ދައްކައި ދެނީ ޕާކިސްތާންގައި އިންފްލޭޝަން ހީނުކުރާ މިންވަރަށް މަތިވެގެންދާނެ ކަމެވެ.
އިންފްލޭޝަން ރޭޓް މަތިވުމުން ޕާކިސްތާނުގައި ވަޒީފާނެތް މީހުންގެ ނިސްބަތް ވެސް އިތުރުވާނެތީ ގައުމީ ފެންވަރުގައި އިޖުތިމާއީ ހާލަތަށް އެކަމުން ސީދާ އަސަރު ކުރާނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ.
ވޯލްޑް އިކޮނޮމިކް އައުޓްލޫކް (ޑަބްލިޔުއީއޯ) 2023 ކައުންޓަރިންގ ދަ ކޮސްޓް އޮފް ލިވިންގ ކްރައިސިސް ރިޕޯޓްގައި، ލޯނު ދޫކުރާ ބައިނަލްއަގްވާމީ އިދާރާއިން އެންމެ ފަހުން ލަފާކޮށްފައިވަނީ ޕާކިސްތާނުގެ ޖީޑީޕީ ގްރޯތް ރޭޓް 3.5 ޕަސެންޓުގައި އުޅޭނެ ކަމަށެވެ. އަދި އިންފްލޭޝަން ގާތްގަނޑަކަށް 20 ޕަސެންޓަށް އަރާނެ ކަމަށެވެ.
އައިއެމްއެފްއިން ބުނިގޮތުގައި އެ ލަފާކުރުންތައް ބިނާ ކޮށްފައި ވަނީ އޮގަސްޓް މަސް ނިމުނުއިރު ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާ ކޮށެވެ. އަދި އޭގެ ތެރޭގައި ފެން ބޮޑުވުމުން ދިމާވެފައިވާ ގެއްލުންތައް ހިމަނާފައި ނުވާނެ ކަމަށެވެ.
އައިއެމްއެފް އިން ވަނީ 2023 ވަނަ އަހަރުގެ އަންދާޒާތަކާއި ޕްރޮޖެކްޝަންތައް ހިމަނައިގެން އިގްތިސާދީ އެސެސްމަންޓާއެކު ރިޕޯޓު ނެރެފަ އެވެ.
އައިއެމްއެފް އިން ބުނީ 2021 ވަނަ އަހަރު 6 ޕަސެންޓުން 2022 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދުގެ ކުރިއެރުންވެސް 3.2 ޕަސެންޓަށް ދަށްވާނެ ކަމަށެވެ. ނަމަވެސް ދުނިޔޭގެ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބޮޑު އިގްތިސާދުގެ ގޮތުގައި އިންޑިއާ ދެމިއޮންނާނެތީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވަނީ އިންޑިއާގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި މިންވަރުން 60 ޕޮއިންޓް ދަށްކޮށް މި އަހަރަށް 6.8 ޕަސެންޓަށް ދަށްކޮށްފަ އެވެ. މިއީ ޖުލައި މަހުގެ ލަފާކުރި މިންވަރަށް ވުރެ 0.6 ޕަސެންޓް ޕޮއިންޓް ދަށްވުމެކެވެ.
ދުނިޔޭގެ އިންފްލޭޝަން 2021 ވަނަ އަހަރު 4.7 ޕަސެންޓުން 2022 ވަނަ އަހަރު 8.8 ޕަސެންޓަށް މައްޗަށް ދާނެ ކަމަށް އައިއެމްއެފްގެ އައުޓުލުކްގައި ލަފާކޮށްފައި ވެއެވެ. އަދި 2023 ވަނަ އަހަރު 6.5 ޕަސެންޓަށް ދަށްވެ 2024 ވަނަ އަހަރުގެ ނިޔަލަށް 4.1 ޕަސެންޓަށް ދަށްވާނެ ކަމަށްވެސް ލަފާކުރެވެއެވެ.