ފާއިތުވި ވިހި އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިޖުތިމާޢީ، ސަގާފީ އަދި އިގްތިސާދީ ތަރައްގީގައި ޗައިނާއިން ނުހަނު ބޮޑު ހިއްސާއެއް ވެދީފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާޞަބަތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި، ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގއަށް ފޮނުވި ތަހުނިޔާގެ މެސެޖުގައެވެ.

މިއަހަރުގެ ކުރީކޮޅު ދިވެހިރާއްޖެއާ ޗައިނާއިން ސޮއިކޮށްފައިވާ ފަސް އެއްބަސްވުމުގެ ދަށުން، ޗައިނާ އާއި ދިވެހިރާއްޖޭގެ ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިވެގެން ދިޔުމަށް މަގުފަހިވެގެންދާނޭ ކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާ ޗައިނާގެ ގުޅުން ބިނާވެފައި ވަނީ، ތާރީޚީ ގުޅުންތަކާއި، ސިޔާދަތީ ހަމަހަމަކަމާއި، ދެ ގައުމުގެ މެދުގައި އޮތް އިޙްތިރާމުގެ ބިންގަލުގެ މައްޗަށް ކަމަށެވެ. އަދި ދިވެހިރާއްޖެއާ ޗައިނާގެ މިގުޅުން ކުރިއަރައި ދެމިގެންދާނޭ ކަމަށް ޔަގީން ކުރައްވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގއަށް ވަކިން ފޮނުއްވެވި މެސެޖުގައި، ދިވެހިރާއްޖެއާ ޗައިނާގެ ތާރީޚީ ގުޅުމާއި، ސިޔާދަތީ ހަމަހަމަކަމާއި، ދެގައުމުންވެސް އެއްގައުމު އަނެއްޤައުމުގެ އިސްތިގްލާލަށް ކުރާ އިޙްތިރާމަކީ، ދެގައުމުގެ ގުޅުމުގެ ހަރުދަނާ ބިންގާކަމަށާއި، ފާއިތުވި 50 އަހަރުވެސް ރާއްޖެއާ ޗައިނާގެ ގުޅުން ދެމިގެން އައީ އެ ބިންގަލުގެ މަތީގައި ކަމުގައި ވިދާޅުވިއެވެ.